އޭޝިއަން އިންފްރަސްޓްރަކްޗާ ބޭންކް (އޭއައިއައިބީ) އިން ރާއްޖެ އަށް ފައިސާގެ އެހީއެއް ދީފިއެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އާމްދަނީ ދަށްވެ، އިޤްތިޞާދަށް ދިމާވެފައިވާ ހީނަރުކަން ހައްލުކުރުމަށް އެހީވުމުގެގޮތުން އޭ.އައި.އައި.ބީ އިން ދީފައިވަނީ 7.3 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 112 މިލިއަން ރުފިޔާ) ގެ އެހީއެކެވެ. މިކަން ހާމަކޮށްފައިވަނީ އެބޭންކުން ނެރުނުނޫސްބަޔާނެއްގައެވެ.
އޭއައިބީ އުފައްދާފައިވަނީ އެކިގައުމުތަކުގެ ސަރުކާރު ހިއްޞާވާ ގޮތަށެވެ. އޮގޮތުން އެންމެބޮޑު ހިއްޞާއެއް އޮން ޗައިނާ ސަރުކާރުގެ 30.34 ޕަސެންޓް ހިއްސާ އެބޭންކްގައި ހިމެނެއެވެ . އަދި މި ބޭންކުގައި ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް ކުރާ ގައުމަކީ އިންޑިއާ އެވެ. އެ ގައުމުގެ ހިއްސާއަކީ 15 ޕަސެންޓެވެ. މި ބޭންކުގައި ރާއްޖޭން ބައިވެރިވެފައިވަނީ 2015 ވަނަ އަހަރު އެވެ. ރާއްޖެއަކީ އެންމެ ފުރަތަމަ މެންބަރަކަށްވި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މި ބޭންކް އުފެއްދުމަށް ފަހު އޭއައިއައިބީގެ ބޯޑު މެންބަރުކަން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ފުރުއްވާފައިވެ އެވެ. މި ބޭންކުގެ މެންބަރު ގައުމުތަކުގެ އަދަދު 100 އަށް ވުރެ ގިނަ އެވެ.
އޭއައިއައިބީ އިން މީގެ ކުރިން ވަނީ 45 މިލިއަން ޑޮލަރުގެ ލޯން އެހީއެއް ދީފައެވެ. އެފަހަރުގެ އެހީ ދީފައިވަނީ ރާއްޖޭގެ ހަކަތަ އުފައްދައި ރާއްޖޭން ތެލަށް ކުރާ ޚަރަދު ކުޑަ ކުރުމާއި އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާ އަށެވެ.
ކޮވިޑް-19އާ ގުޅިގެން މިހާތަނަށް އެބޭންކުންވަނީ 11 ގައުމަކަށް އެހީތެރިކަންފޯރުކޮށްދީފައެވެ. އެގޮތުން މިހާތަނަށް އެންމެ ބޮޑު އެހީތެރިކަމެއް ދީފައިވަނީ އެބޭންކުގެ 15 ޕަސެންޓް ހިއްސާވާ އިންޑިޔާ އަށެވެ. އެ ގައުމަށް 750 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިޞާދަށް ދިމާވެފައިވާ ދަތިކަން ފިލުވުމަށްޓަކައި ބޭނުންވާ އެހީތައް ހޯދަން ސަރުކާރުން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ބައެއްފަރާތްތަކުން އެހީތެރިކަންވަނީ ފޯރުކޮށްދީފައެވެ.