މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތު ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ފުޅާ ދާއިރާއެއްގައި މަޑަވެލީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މީހާ ހައްޔަރުކޮށްފައިވަނީ މަޑަވެލީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ހިނގާ ޖުލައި މަހު 01 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައެވެ.
އެމީހާ ދިރިއުޅެމުންދާގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 150 ޕެކެޓް ފެނިފައިވެއެވެ.
މި މައްސަލަ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަނޓު ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.