ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ”ރިޒް“ ކުންފުނީގައި ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ މީހުންނަށް މުސާރަ ނުދީ، ހިއުމަން ޓްރެފިކިން އަށް ފެތޭ ގޮތަށް އެ މީހުން ލައްވައި ރިޒް ކުންފުނިން މަސައްކަތް ކުރުވި ކަމުގެ ތުހުމަތުތަކާއި ގުޅިގެން، ސަރުކާރުގެ ފަސް އިދާރާއެއް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން މިއަދު ނިންމައިފި އެވެ.
މަޖިލީހުގެ ޖަލްސާ ތަންދޭ އެންމެ އަވަހަކަށް އެ ފަސް އިދާރާ ހާޒިރުކުރާނެ ކަމަށް އެ ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވަނީ ވިދާޅު ވެފައެވެ.
ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން، ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފު ވަނީ، މުސާރަ ނުލިބިގެން ވިޔަސް ބިދޭސީންތަކެއް ޝަކުވާ ކުރާއިރު އެ ހައްގު ކަށަވަރުކުރާ ފަރާތަކީ ކޮބައިތޯ ސުވާލު އުފައްދަވައިފަ އެވެ.“..ސްޕޮންސަރުންނަށް އެ ދޭންޖެހޭ މުސާރަ ދީފައިތޯ އޮތީ؟ އެ މީހުން ފޮނުވާލުމުގެ ކުރިން ދިންތޯ؟ މި ކަންތައްތަކޭ ކަށަވަރު ކުރެވިފައެއް ނެތް. މިސާލަކަށް ވެދާނެ ފުލުހުންގެ މެންޑޭޓުގައި ނެތް ކަމަކަށް އެއީ. އެކަމަކު ދައުލަތުގެ ކޮންމެވެސް އިދާރާއެއްގެ މެންޑޭޓުގައި އޮންނަން ޖެހޭނެ ކަމެކޭ އަޅުގަނޑު މި ދަންނަނީ. އެ ކަންތައްތަކެކޭ އަޅުގަނޑުމެން ސާފުކުރަންވީ،“ އަފީފް ވިދާޅުވި އެވެ.
ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ މަޖިލީހުގެ ކޮމިޓީން ނިންމީ، އިކޮނޮމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން އަދި ލޭބަ ރިލޭޝަންސް އޮތޯރިޓީ ކޮމިޓީ އަށް ހާޒިރުކުރުމަށެވެ.