ކޮރޯނާވައިރަސް ވައިގެ ޒަރިއްޔާއިން ފެތުރޭ ކަމުގެ ހެކި އެބަހުރި ކަމަށާއި ވައިރަސް ފެތުރުން ހުއްޓުވުމާ ބެހޭ ގޮތުން ދޭ އިރުޝާދުތައް ބަދަލު ކުރަން ޖެހޭ ކަމަށް 239 ސައިންސުވެރިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އަށް ފޮނުވި ސިޓީއެއްގައި ބުނެފި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އުސޫލުތައް ބަދަލު ކުރުމަށް ސައެންސްވެރިން ވަނީ ލަފާދީފަ އެވެ.
ޑަބްލިއުއެޗްއޯ އިން ކުރިން ބުނެފައި ވަނީ ކޮރޯނާވައިރަސް ފެތުރެނީ ކޮވިޑް-19 ގެ ބަލި މީހަކު ކެއްސާ، ކިނބިހި އެޅުމުގެ ސަބަބުން އަނގައިންނާއި ނޭފަތުން ބުރައިގެންދާ ޑްރޮޕްލެޓްސް އެހެން މީހަކަށް ވާސިލުވުމުން ކަމަށެވެ.
ނިއު ޔޯކް ޓައިމްސް އިން ބުނެފައި ވަނީ 32 ގައުމެއްގެ 239 ސައެންސްވެރިން ޑަބްލިއުއެޗްއޯ އަށް ފޮނުވާފައިވާ ހުޅުވާލެވިފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ވައިގެ ތެރޭގައި ފެތުރޭ ޕާޓިކަލްސްގެ ސަބަބުން ކޮވިޑް-19 ޖެހޭ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. ރިސާޗަރުންގެ ހޯދުންތައް ސައެންޓިފިކް ޖާނަލްއެއްގައި އަންނަ ހަފުތާގައި ޝާއިއު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ސައިންސްވެރިން ބުނެފައިވަނީ ގޮތުން ކޮވިޑް ޖެހިފައިވާ މީހަކު ކުޑަ ކޮޓަރިއެއް ނުވަތަ އެނޫންވެސް ބަންދު ތަނެއްގައި ހުރެ ކިނބިހި އަޅައި ކެއްސާނަމަ، އެތަނުގެ ވައިގެ ތެރޭގައި މި ބައްޔަށް މެދުވެރިކުރާ ވައިރަސް ފެތުރިފައިވެދާނެކަން ހޯދުންތަކުން ހާމަވާ ކަމަށެވެ. އެހެންކަމުން މި ބައްޔަކީ ވައިގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއް ކަން އެކަމުން ހާމަވާ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.
ކޮވިޑް-19 އަކީ ވައިގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއްތޯ ބެލުމަށް މީގެ ކުރިންވެސް ދިރާސާތަކެއް ކުރެވުނެވެ. ނަމަވެސް މިއީ މިކަމާއި ގުޅިގެން މިހާތަނަށް އެންމެ ގިނަ ސައިންސްވެރިން ބައިވެރިވެ، އެންމެ ފުޅާ ދާއިރާއެއްގައި ކުރިޔަށްގެންދިޔަ ދިރާސާކަން ފާހަގަކޮށްލެވެއެވެ.