ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އެމެރިކާއިން އެއްބާރުލުން ދެމުންދާނެކަމުގެ ޔަޤީންކަން އެޤައުމުގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮންޕިއޯ ދެއްވައިފިއެވެ.
ޕޮމްޕިއޯ އެކަން ހާމަކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ފޯނުން ގުޅުއްވުވުމަށްފަހު ކުރެއްވި ޓުއިޓްގައެވެ. ޕޮމްޕިއޯއާއި ފޮރިން މިނިސްޓަރ ޝާހިދާއި ދެބޭފުޅުން ފޯނު މެދުވެރި ކުރައްވައި ކުރެއްވި މަޝްވަރާތަކާއި ގުޅޭގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބަޔާނެއް ނެރުއްވާފައެވެ.
ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުން އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުންދީ މުހިންމު ކަންތައްތަކުގައި އެކުގައި މަސައްކަތް ކުރުމާއިބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ވާކަމަށް އެ ބަޔާނުގައިވެއެވެ.
ޚާއްސަކޮށް ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ދެޤައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާއި އެމެރިކާއިން ދެމުންދާ އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ. އެގޮތުން ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމާއިބެހޭ ގޮތުނާއި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭ މަޝްވަރާކުރައްވާފައެވެ.