ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެފްއޭއެމް އާއި ގުޅޭ ގޮތުން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާ ކުރުމަށް މިއަދު ބޭއްވި އިޖުތިމާއީ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަހްލޫފު ވިދާޅުވީ ، ގާނޫނު ބުނާ ގޮތުން ކުޅިވަރު އެސޯސިއޭޝަނަކަށް ބަސް ކިއުމަކީ މިނިސްޓަރަށް ލިބިގެންވާ ހައްގެއް ނޫން ކަމަށެވެ.
”އަޅުގަނޑަށް ގާނޫނުން ނުވެސް ލިބޭ ބާރެއް އިލެކްޝަނެއް ލަސްކޮށްދޭން އެދުމަކީ. ކުޅިވަރާއި ބެހޭ ގާނޫނުން އަޅުގަނޑަށް އޮންނަ ބާރެއް ނޫން އެއީ އެކަން ވެސް އަޅުގަނޑު ކުރިން،“ މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފު ވިދާޅުވީ އެފްއޭއެމް އިން އިންތިހާބު ބާއްވާނެ ކަމަށް އިއުލާން ކުރީ މީގެ ހަތަރުވަރަކަށް މަސް ދުވަސް ކުރިން ކަމަށެވެ. އެހާއިރުވެގެން ދިޔައިރުވެސް އެންމެ މީހަކު އިންތިހާބުގައި ނިކުތުމުން އެ އިންތިހާބު ހުއްޓުވުމަށް ފުލުހުން ލައްވާ މަސައްކަތް ކުރުމަކީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް މަހލޫފު ވިދާޅުވިއެވެ. އަދި އެކަމުގައި ކުށްވެރިވާނީ ވެސް ހުދު އޭނާ ކަމަށް ވިދާޅުވިއެވެ.
އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ރަނގަޅު ކުރަންޖެހޭ ކަންތައް ތަކެއް ހުރި ނަމަވެސް ބައްސާމް އަދީލް ޖަލީލުގެ ލީޑާޝިޕުގައި ވަރަށް ގިނަ ކަންކަން ރަނގަޅު ކަންކަމުގެ ގޮތުގައި ކޮށްފައިވާ ކަމަށް މަހްލޫފު ފާހަގަކުރެއްވިއެވެ.
އިތުރަށް މަހުލޫފު ވިދާޅު ވަނީ އެ ސަސްޕެންޝަނާއި އެކު ގިނަ ކުޅުން ތެރިންގެ މުސާރަ ނުދެވި ފުޓުބޯޅަ އަށް އޮތް ފޯރިވެސް ގެއްލިގެން ދާނެ ކަމަށެވެ.