ރައީސް ޔާމީން ވެރިކަމުގެ ހޯމް މިނިސްޓަރ އުމަރު ނަސީރަށް އިދިކޮޅު ކޯލިޝަނުން ޖާގައެއް ނެތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ ކަމަށްވާ ޕީޕީއެމް އަކީ އުމަރު އާއި ޔާމީން އަދި މައުމޫން އެއްބައިވެގެން އުފައްދާފައިވާ ޕާޓީއެއް ކަމަށެވެ. ނަމަވެސް އެޕާޓީގެ ފަހަތުންވެސް އުޅެން ބޭނުން ނުވާ ކަމަށް ސީއެންއެމްގެ ”އިތުރު ކާފް“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވިއެވެ.
މިވާހަކަ ތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ޖާގައެއް ދެން އުމަރަށް ނޯނާނެ ކަމަށާއި އަދި ތަބަކަށް ލައިގެން ޕީޕީއެމް ޕީއެންސީ އުމަރުގެ އަތްޕުޅަށް ލައިދޭނެކަމުގެ ވިސްނުން ދޫކޮށްލުމަށެވެ.
ސިޔާސީ މައިދާނުގައި އުމަރަކީ އިދިކޮޅު ކޯލިޝަނުން ޖަވާބުދާރީ ވާންޖެހޭ މީހެއް ނޫން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވެފައި ވެއެވެ.
”އޭނަ އަމިއްލަ ފަރުދެއް އެއީ. މިހެން މަގުމަތީގަ ހިނގާފަ ދާ މީހަކު މީ ސަރުކާރެއް ނޫނެކޭ ބުންޏަސް ނޫނީ މިވެނި އެއްޗެއް ނޫނެކޭ ބުންޏަސް. އަޅުގަނޑުމެން މި ކުރާ މަސައްކަތް މިކުރަނީ މުޅި ލީޑާޝިޕްގައި މަޝްވަރާ ކުރެވިގެން އަޅުގަނޑުމެން ގަބޫލުކުރާ ހަމަތަކުގެ މަތިން. ސިޔާސީ މައިދާނުގައި އުމަރު ނަސީރަކީ އޭނަ ދައްކާ ވާހަކަތަކަށް އަޅުގަނޑުމެން ޖަވާބުދޭ ވަރުގެ ބޭފުޅެއް ނޫން.“ އަބްދުއްރަހީމް ވިދާޅުވިއެވެ.
ރާއްޖޭގައި މީގެ ކުރިން ވެރިކަން ކުރެއްވި އެއްވެސް ރައީސަކަށް ދެން ރާއްޖޭގެ ވެރިކަން ކާމިޔާބު ކުރެއްވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.