އެމްއެންޑީއެފް ފުރަތަމަ އެޖުޓަންޓް ޖެނެރަލްގެ މަޤާމަށް ކާނަލް މުޙައްމަދު އިބްރާހީމް އައްޔަންކުރައްވައިފިއެވެ.
އެޖުޓަންޓް ޖެނެރަލްގެ މަޤާމަކީ އެމްއެންޑީއެފްއިން އަލަށް އުފެއްދި މަޤާމެކެވެ. އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރ (އޭޖީ ކޯރ) އަކީ ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސެރެމޯނިއަލް ޑިއުޓީތައް އަދާކުރުމާއި ސިވިލް އަދި ޕަބްލިކް އެވެއަރޒްގެ ޚިދުމަތްތަކާއި، ލީގަލް ސަޕޯޓާއި، އަސްކަރީ ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމާއި ހިއުމަން ރިސޯސް އާއި ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާގެ އެކްސްޕަރޓީސް ފޯރުކޮށްދިނުމަށްޓަކައި އުފައްދަވާފައިވާ ސަޕޯޓް ސަރވިސެކެވެ.
މިއަދު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ކާނަލް މުޙައްމަދު އިބްރާހީމަށް މަޤާމު ހަވާލުކޮށްދެއްވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. މި މަޤާމު ހަވާލުކުރެއްވުމުގެ ކުރިން ކާނަލް މުޙައްމަދު އިބްރާހީމް ހުންނެވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަރުގެ މަޤާމުގައެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްއާ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް ވެސް ބައިވެރިވެވަޑައިގެންފައެވެ.