ރޭގެ ވަގުތެއްގައި ތިލަފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައި އަދި ވެސް އެ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެމް.އެން.ޑީ.އެފް ގެ ފަޔަރ ބްރިގޭޑް އިން މަސައްކަތް ކުރަމުން އެބަގެންދާކަމަށް އެން.އެން.ޑީ.އެފް އިން ހާމަކުރައްވައިފިއެވެ.
އެމް.އެން.ޑީ.އެފް.އިން ވިދާޅުވީ މިހާރު އަލިފާން ގަނޑު އެއްކޮށްނިވާލެފައިވާކަމަށާއި ނަމަވެސް އެތަނުގައި ހުރި ބައެއްތަކެތި އަދިވެސް އަނދަމުންދާތީ ވަރަށް ބޮޑަށް އެ ސަރަހައްދުން ދުން އަރަމުން ދިއުމާއި ގުޅިގެން ހޫނު ނުކެނޑޭތީ އަދިވެސް ފަޔަރ ޑިޕާޓްމެންޓް ގެ ޓީމުންދަނީ ފެންޖަހަމުންކަމަށެވެ. އެމް.އެން.ޑީ.އެފް އިން ވިދާޅުވީ ފުރަތަމަ އަލިފާން ރޯވީ ސެކުއަރ ބޭގައި ހުރި ޖަނަރޭޓަރެއްގައި ކަމަށާއި އަދި އޭގެ ފަހަށް މުޅި ސަރަހައްދަށް އަލިގފާންގަނޑު ފެތުރިގެން ދިޔައީކަމަށެވެ.
ރޭގެ 20:24ގައި އަލިފާނުގެ ހާދިސާއެއް ރިޕޯޓް ކުރުމާއި ގުޅިގެން މާލެއިން ޓީމެއް ގެނެސް ފޯމް އަދި ފެން ބޭނުންކޮށްގެން އަލިފާން ނިއްވުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށް އެމް.އެން.ޑީ.އެފް އިން ވަނީ ހާމަކުރައްވާފައެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަދި އިތުރުތަނަކަށް ގެއްލުމެއްލިބިފައެއްނުވެއެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުންގެ އިދާރާއިން ތަހުގީގު ކުރައްވަމުންނެވެ.

ނަމަވެސް ގުދަނުގެ ވެރިފަރާތުން ހާމަކުރެއްވި ގޮތުގައި އެތަނަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށާއި އަދި އެ ގެއްލުންތަކުގެ ތަފްސީލު ލިބުނު އެންމެހާ އަވަހަކަށް ބެއްލެވެމަށްފަހު ހާމަކުރައްވާނެކަމަށެވެ.