ޤައުމީ ޝިޕިންގ ލައިންއިން ރާއްޖެ ފައިދާ ލިބެމުންދާކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.
ޢަބްދުﷲ ސައީދު އެކަން ހަމަކުރީ ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސްއިން ޓެކްލިންގ ނިއު ޗެލެންޖަރސް އިން ޝިޕިންގ އެންޑު ލޮޖިސްޓިކްސް ގެ ނަމުގައި ބޭއްވި ވެބިނަރގައި ވާހަކަދައްކަވަމުނެވެ. އެކުންފުނީގެ ޚިދުމަތް ފަށާފައިވާ ވަގުތަކީ މާލީ ގޮތުން ލިބޭނެ ފައިދާއަކަށް ބަލާނަމަ ރަނގަޅު ވަގުތެއް ނޫންކަމަށާއި ނަމަވެސް ދުނިޔޭގެ އެހެން ޤައުމުތަކުން ބޯޑަރުތައް ބަންދުކޮށް ދަތުރުފަތުރުތައް ހުއްޓިފައިވާއިރު ޤައުމީ ޝިޕިންލައިން އޮތުމުން ރާއްޖެއަށް ގެންނަން ބޭނުންވާ ސިއްޙީ ސާމާނާއި، ކޯވިޑް-19އާ ގުޅިގެން އިމާރާތް ކުރަމުންދިޔަ ތަންތަނަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނު ގެނައުމަށް އެމްއެސްއެސްއިން އެހީތެރި ވެދީފައި ވާނެކަމަށް ސައީދު ވިދާޅުވިއެވެ.
އެހެން ޤައުމުތަކަށް ބަރޯސާނުވެ ރާއްޖޭގައި ވެސް އަމިއްލަ ކުންފުންޏެއް އޮތުމަކީ ވަރަށް މުހިއްމު ކަމެއްކަމަށާއި ރާއްޖޭގައި ޤައުމީ ޝިޕިންގލައިންއެއް އޮތުމުން ދިވެހިންނަށް މިދާއިރާގައި މަސައްކަތްކޮށް ކުރިއަށް ދިޔުމުގެ މަގު ފަހިވެގެންދާނެ ކަމަށާއި ސީފެއަރާސް ދާއިރާއިން އޮޕްޗިއުނިޓީތައް ދިވެހިންނަށް ފަހިވެގެން ދާނެކަމަށް ސައީދު ވިދާޅުވިއެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިންގލައިނަކީ ރާއްޖެއަށް މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެސްޓީއޯގެ ސަބްސިޑަރީ މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ ކުންފުންޏަކީ އެސްޓީއޯގެ 99.99 އިންސައްތައާއި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާ ހިމެނޭ ކުންފުންޏެކެވެ.