ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުރެ އެ މިނިސްޓްރީގެ މުވައްޒަފުންނަށް އަލީ ވަހީދު ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޢަލީ ވަޙީދު މަސައްކަތުގެ މާޙައުލުގައި އަޚްލާގީ މައްސަލަތަކެއް ހިނގާފައި ވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުން ރައީސުލްޖުމްޙުރިއްޔާގެ އިތުރުން ޖެންޑަރ މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަކުގެ ސަބަބުން ޢަލީ ވަޙީދު މިނިސްޓަރު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްޙުރިއްޔާ ރޭ އަންގަފައިވާ ކަމަށް އިބްރާޙިމް ހޫދު ހަމަކުރިއެވެ.
އޮފީސްތެރޭގައި އަދި އޮފީސް ދަތުރުތަކުގައި ރިސޯޓުތަކަށް ގޮސްވެސް އަލީ ވަހީދު މިގޮތަށް އަމަލު ކުރާކަމަށްވެއެވެ. މިގޮތުން ވަރަށް ފަހުން ދިޔަ ދަތުރެއްގައި އަލީ ވަހީދު ޖިންސީ ގޯނާ ކުރަން އުޅުމުން މަރުވިޔަސް ހެޔޮ ކަމަށް ބަލާ މުވައްޒަފަކު ވަނީ ރިސޯޓެއްގެ ވޯޓާ ވިލާ އިން މޫދަށް ފުންމާލާފައި ކަމަށް މިނިސްޓްރީގެ މުވައްޒަފުންނަށް ހަވާލާދީ ”ސަން“ ގައި ބުނެފައިވެއެވެ.
ފުލުހުން ބުނީ ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުުހުމަތު ކުރެވޭ މައްސަލައެއް މިރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.