ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދު އެމަގާމުން މިއަދު ވަކިކުރުމަށްފަހު ޓޫރިޒަމް މިނިސްޓްރީ ހިންގަން ވަގުތީ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އަށް ހަވާލުކޮށްފި އެވެ.
ރައީސް އޮފީހިގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ އެކަން ޔަގީން ކޮށްދެއްވައިފައެވެ.
އަލީ ވަހީދު މިނިސްޓްރީ ކަމުން ވަކި ކޮށްފައި ވަނީ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާ ކަމުގެ ތުހުމަތުގައި އެވެ. އަލީ ވަހީދުގެ މައްޗަށް ވަނީ އެ މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުން ތަކެއް ދަނީ އެކި ފަހަރު މަތިން ޖިންސީ ގޯނާ ލިބުނު ކަމުގެ ތުހުމަތު ކޮށްފައެވެ.
މީގެ ތެރެއިން މުވައްޒަފެއް ބުނެފައި ވަނީ އޮފީސް ދަތުރުގައި ރިސޯޓު ތަކަށްް ގޮސް އަލީ ވަހީދު މިގޮތަށް އަމަލު ކުރާ ކަމަށެވެ. މިގޮތުން ދިޔަ ދަތުރެއްގައި އަލީ ވަހީދު ޖިންސީ ގޯނާ ކުރަން އުޅުމުން މަރު ވިއަސް ހެޔޮ ކަމަށް ބަލައި ވަނީ ރިސޯޓުގެ ވޯޓާ ވިލާ އިން މޫދަށް ފުންމާލައިފައެވެ.
އަދި މާމިގިރި ހޮޓަލުގައި ބޭއްވި ހަފްލާއެއްގައި ވެސް އަލީ ވަހީދު ވަނީ މުވައްޒަފަަކަށް ޖިންސީ ގޯނާ ކުރަން އުޅެފައި ކަމަށް މުވައްޒަފު ކިޔާދިނެވެ. މީގެ އިތުރުން އަލީ ވަހީދު މިނިސްޓަރ ނަހުލާ އާއި ބޭ އަދަބީ ކޮށް ވާހަކަ ދައްކާ އޯޑިއޯ އެއް މީގެ ކުރިން ވަނީ ލީކު ވެފައެވެ.
ޖޭޕީގެ ރައީސް ކަމުގެ މަގާމުން ވެސް އަލީ ވަހީދު ވަނީ ވަކި ކުރަން ނިންމައިފައެވެ.
މި މައްސަލަތަށް ޖެންޑާ މިނިސްޓްރީ އާއި ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.