ނަމާދަށް ދާ ފަރާތްތަކުން އެހެން މީހުންގެ މުސައްލަ ބޭނުން ކުރުން ހުއްޓަން ޖެހޭ ކަމަށާއި މާސްކާއި މުސައްލަ ނެތްނަމަ ހަރަމްފުޅު ސިފައިން ބަލަހައްޓާ ގޮތަށް ރާއްޖޭގައިވެސް އެކަން ކުރަން ޖެހޭ ކަމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޖުލައި މަހު މާލޭގެ ފުރަބަންދަށް ދިން ލުއިތަކުގެ ތެރޭގައި މާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ ސަރުކާރުން ވަނީ ދީފައެވެ.
ނަމަވެސް މިސްކިތައް ދިއުމުގައި ވަކި އުސޫލުތަކެއް ބެހެއްޓުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. އޭގެ ތެރޭގައި، ގެއިން ވުޟޫކޮށްގެން ދިއުމަށާއި، މިސްކިތަށް ދާއިރު މާސްކު އެޅުމާއި، އަމިއްލަ މުސައްލައެއް ހިފައިގެން ދިއުމަށް ބާރު އަޅާފައިވެއެވެ.
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވީ ގެއިން މުސައްލަ ގެންދިޔުމަށާއި، އެހެން މީހުންގެ މުސައްލަ މަތީގައި ނަމާދު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި އަދި ބަޔަކު އެކަން ނުކުރާނަމަ ހައްލަކީ ސިފައިން ނެރެގެން ގާޑް ކުރުން ކަމަށެވެ.
”ބަޔަކު އަމަލު ނުކުރަންޏާ ދެން ހައްލަކީ ސިފައިން ނެރެގެން ގާޑްކުރުން، މައްކާ މަދީނާ ހަރަމްފުޅު ގާޑް ކުރެވޭ ގޮތަށް“ ޝައިހް މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓު ގައި ވިދާޅުވިއެވެ.
ޝައިހް އިތުރަށް ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ގޮތަށް އެބަޔަކު ތަބާނުވުމަކީ އެބައެއްގެ އަމިއްލަ މައްސަލައެއް ކަމަށާއި ކޮވިޑް-19 އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފައި ވަނީ ގައިދުރުކަން އިސްކޮށްގެން މިސްކިތައް ވަދެ ނުކުތުމަށް ކަމަށާއި އަދި ނަމާދުން ނިމިގެން ގިނަ އިރުތަކަށް މިސްކިތުގައި މަޑު ނުކޮށް ގެއަށް ދިއުމަށެވެ.
މާލޭގައި އިއްޔެ ގިނަ ދުވަސްތަކަކަށް ފަހު ވަނީ ހުކުރު ނަމާދުވެސް ޖަމާޢަތުގައި ކޮށްފައެވެ. އަދި އިއްޔެ ކުރެވުނު ހުކުރު ނަމާދުގެ ޖަމާޢަތުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.