ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ދިވެހި ރައްޔިތުންނާއި މުޙާތަބުކޮށް ހިތާބެއް ދެއްވައިފިއެވެ.
މިޙިތާބުގައި ރައީސް ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި މުޅި ދުނިޔޭގައި މިއަދު ފާހަގަކުރާ، މި އަހަރުގެ އާބާދީ ދުވަހުގެ މުނާސަބަތުގައި، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދަންނަވާފައެވެ.
ރައީސް ވިދާޅުވީ މި ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ކޮންމެ ޤައުމެއްގެވެސް އާބާދީއާ ގުޅިފައިވާ މައްސަލަތަކާމެދު، އެ ޤައުމެއްގެ ރައްޔިތުން ހޭލުންތެރި ކުރުން ކަމުގައެވެ. އޭގެ ތެރޭގައި އިންސާނީ މުޖުތަމަޢެއްގައި އުފެދޭނެ އެންމެހައި މައްސަލަތަކާއި، އެ މައްސަލަތަކުން ނުކުންނަ ނަތީޖާތަކާއި، އެ މައްސަލަތައް ޙައްލުކުރުމަށް ކުރަންވީ ކަންކަމާމެދު، ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން ހިމެނޭ ކަމުގައި ރައީސް ވިދާޅުވިއެވެ.
”މި އަހަރުގެ އާބާދީ ދުވަހާ ބައްދަލުކުރިއިރު، ދުނިޔޭގެ އާބާދީ އަރައި ހަމަކޮށްފައި މިވަނީ، އިންސާނީ ތާރީޚުވެސް ނުދެކޭފަދަ، ނުރައްކާތެރި ބިރުވެރި ދުވަސްތަކަކާ. ހުސްވި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު، ޗައިނާއިން ފެނުނު ”ކޯވިޑް-19″، މުޅި ދުނިޔެއަށް ފެތުރި، މިވީ ހައެއްކަ މަސްދުވަހުގެ ތެރޭގައި، 11 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ މިބަލި ޖެހިފަ. އޭގެ ތެރެއިން ފަސް ލައްކައަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފަ.“ ރައީސް ވިދާޅުވިއެވެ.
”މި ބައްޔަށް ފަރުވާ ކުރުމަށް މިހާތަނަށް އެއްވެސް ބޭހެއް، ވެކްސިނެއް ހޯދިފައި ނުވާއިރު، މި ބަލި ކޮންޓްރޯލް ކުރެވޭނެ ދުވަހެއް، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއަށްވެސް، އަދި ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުންނަށްވެސް ލަފާ ނުކުރެވޭ. ގިނަ ބަޔަކަށް މިބަލި ޖެހި، ބަލީގައި މަރުވާ ޢަދަދު، ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، މިއަހަރުގެ އާބާދީ ދުވަހުގެ ޝިޢާރުވެސް އަމާޒުކޮށްފައިވަނީ، މި ބަލީގެ ނުރައްކަލުން، ދުނިޔޭގެ އާބާދީ ރައްކާތެރިކުރުމުގެ މައްޗަށް“ ރައީސް އިތުރަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ގެއްލުން ނުލިބޭ އިޤްތިޞާދެއް ނެތްކަމަށާއި ހިތްދަތިކަން ތަޖުރިބާކުރަން ނުޖެހޭ ޢާއިލާއެއް ނެތްކަމަށެވެ. އަދި އޭގެތެރެއިންވެސް، މިބަލީގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އެއް ބަޔަކީ އަންހެނުން ކަމުގައެވެ. އެއީ މި ބައްޔާ ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ، ޞިއްޙީ ޚިދުމަތްތެރިންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށްވާތީ ކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައިވެސް ޞިއްޙީ ޚިދުމަތްތެރިންގެ 70 އިންސައްތައަކީ އަންހެނުންކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
”ރާއްޖޭގައި ކޯވިޑް-19 ޖެހުނު އަންހެނުންގެ ޢަދަދު މަދުކަމުގައިވިޔަސް، ފުރަބަންދުގެ ސަބަބުން ދިމާވި، އަދި ދިމާވަމުންދާ ގޮންޖެހުންތަކުގެ އަސަރު، އެންމެ ބޮޑަށް ކުރާ ބަޔަކީ އަންހެނުންނާއި އަންހެން ކުދީން. ޢާއިލާތައް 24 ގަޑިއިރު ގޭގައި ތިބެންޖެހުމުން، ދަރިންނާއި މައިންބަފައިން ބެލުމާއި، ގޭތެރޭގެ މަސައްކަތްތައް ފަދަ، ގެވެހި ޒިންމާތައް އުފުލަންޖެހޭ މިންވަރު އެތައް ގުނައެއް އިތުރުވި“ ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
މި ހިތާބުގައި ރައީސް ވަނީ ޖިންސީ ގޯނާގެ މައްޗަށް އަލިއަޅުއްވާލައްވާ އެފަދަ މައްސަލަތަކަކީ ޙާއްސަ އިސްކަމެއް ދީގެން ޙައްލުކުރަން ޖެހިފައިވާ ކަންކަން ކަމުގައި ވިދާޅުވެފައެވެ.
މި ޙިތާބު ރައީސް ނިންމަވާލައްވާފައިވަނީ ކޯވިޑް-19ގެ ނުރައްކަލުން، ދިވެހިރާއްޖެ ރައްކާތެރި ކުރައްވައި، ދުޅަހެޔޮ ހަށިހެޔޮ ޞިއްޙަތަކާއިގެން، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި ދިއުމުގެ އަވަސް ފުރުޞަތެއް، މާތް ﷲ މިންވަރު ކުރެއްވުމަށް އެދި ދުއާކުރައްވަމުންނެވެ.