ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ދިރާސާކުރަމުން އަންނަ ތަޢުލީމީ ބިލަށް ޙިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިރޭ 20:30 ގައި ބައްދަލުވުމެއް ބޭއްވުމަށް ތާވަލުކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒާއި ބާރަށު ދާއިރާގެ މެމްބަރު އަޙުމަދު ޢަބްދުﷲ އަދި މަންދު ކޮލެޖުގެ ޗެއާމަން އިބްރާޙިމް އިސްމާއިލް މީގެ އިތުރުން ތަޢުލީމީ ދާއިރާގައި ގިނަ ދުވަހު ޙިދުމަތްކުރެއްވި އަޙްމަދު ސައީދެވެ.
މި ބިލުގައި ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ މައްޗަށް ބިނާވެގެންވާ އަސާސުތަކާއި އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށް ލިބިދޭ ޙައްގުތަކާއި ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް ކަނޑައަޅައި ރާއްޖޭގައި ތަޢުލީމު ދިނުމާ ގުޅޭ އެނޫން ވެސް އާންމު ހަމަތަކާއި އުޞޫލުތައް ބަޔާންކޮށްފައިވެއެވެ.