މި އަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ.
މައިގަނޑު 33 ދާއިރާއަކުން ޤައުމީ އިނާމު މިއަހަރު ދިނުމަށް ހަމަޖެހިފައިވެއެވެނެވެ. މި ދާއިރާތަކާއި ގުޅޭގޮތުން ސަރުކާރުގެ މިނިސްޓްރީތަކާއި އެހެނިހެން މުއައްސަސާތަކުގެ ޚިޔާލު މި އަހަރު ހޯއްދަވައި ގެންނަވަންޖެހޭ ބަދަލުތައް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ގެންނަވާފައެވެ.
ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު އޮގަސްޓު މަހުގެ 4 ވާ އަންގާރަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 13 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދު ހުށަހެޅޭނެއެވެ. ފޯމު ފޮނުވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް،ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވާފައެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ޤައުމީ އިނާމަށް އެދި އަމިއްލަ ފަރާތްތަކުންނާއި ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށާއި ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުންގެ އިތުރުން ސަރުކާރުގެ އިދާރާ މެދުވެރިނުވެ ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ވެސް ޤައުމީ އިނާމަށް ނަން ހުށަހެޅޭނެއެވެ.