ރ.ދުވާފަރަށް ހޯމް ކަރަންރަންޓީންއަށް ފޮނުވާފައި ތިބި މީހުންގެ ތެރެއިން ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަން އިއްޔަ އެޗް.ޕީ.އޭ އިން ވަނީ އަންގާފައެވެ. މިފަރާތްތަކުގެ ނަތީޖާއާމެދު އެޗް.ޕީ.އޭއިން ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމުގެ ތުހުމަތުތަކެއްދަނީ ކުރެވެމުންނެވެ.
އެރަށުން ”ދިޑެއިލީ“އާ މައުލޫމާތު ހިއްޞާކުރިފަރާތުން ބުނެފައިވަނީ، އެރަށަށް ހޯމް ކަރަންޓީންއަށް ފޮނުވި މީހުން 14 ދުވަސް ފުރިހަމަވުމުން އެޗް.ޕީ.އޭ އިން އެމީހުންގެ ސާމްޕަލްނަގައި ޓެސްޓްކުރުމަށްފަހު ނަތީޖާ ނައްސިކަމަށް އަންގާފައިވާކަމަށެވެ.
އެޗްޕީއޭއިން އެމީހުންގެ ނަތީޖާ ނައްސިކަމަށް ބުނެފައިވާތީ އެފަރާތްތަކުން ހުކުރު ނަމާދަށްވެސް ގޮސްފައި ކަމަށް އެރަށުން ވާހަކަ ދެއްކި ފަރާތުން ވަނީ ބުނެފައެވެ. އޭގެ އަނެއްދުވަހު ގުޅާފަ އެޗްޕީއޭއިންވަނީ އެމީހުންގެނަތީޖާ ފައްސިކަމަށް އަންގާފައިކަމަށްވެސް އެމީހާ މަޢުލޫމާތުދިނެވެ.
”އެޗްޕީއޭއިން ބުނިކަމަށް ވަނީ ނެގެޓިވްއޭ، އެހެންވީމަ އެމީހުން ބޭރަށް ވެސް ދާނެތާ، ހުކުރު ނަމާދަށް ވެސް ދިޔަ ކަމަށް ވަނީ، އޭގެ އަނެއް ދުވަހު ގުޅާފަ ޕޮޒިޓިވްއޭ އޮޅުމެއް އެރީއޭ ބުނީ، ރަށުގަ އެންމެންވެސް މިހާރު ތިބީ ހާސްކަމެއްގަ،“ އޭނާ ބުންޏެވެ.
އެމީހުން ކޮންޓްކެޓްވި މީހުންގެ އަދަދު ސީދާ ބުނަން ނޭނގޭކަމަށާއި ދުވާފަރު މޮނިޓަރިންގެ ހާލަތަށްލައި، ކޮންޓެކްޓް ޓްރޭންސިންގްހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އޭނާ މައޫލޫމާތު ދިނެވެ.އެރަށަށް މީހުން އަރައި ފޭބުން މިހާރު ވަނީ މަނާކޮށްފައެވެ.