ސީއެސްސީގެ މެމްބަރުން މަގާމުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައި އެކުލަވާލި ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ..
މި މެމްބަރުންގެ ތެރޭގައި ހިމެނެނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ޝަހީދު މުހައްމަދާއި އިތުރު ދެ މެމްބަރަކު ހިމެނޭ ގޮތަށް ޖުމްލަ ހަތަރު މެމްބަރުންނެވެ.
ހުސްވި ޖޫން މަހުގެ 29 ވަނަ ދުވަހު ސީއެސްސީގެ ރައީސާއި ނައިބު ރައީސްގެ އިތުރުން މެމްބަރު ޒަކަރިއްޔާ ހުސައިން އަދި އިބްރާހިމް ޝަހީގު ގެ އިތުރުން ކޮމިޓީގެ މެމްބަރު ފާތިމަތު އާމިރާ މަގާމުން ވަކިކުރުމުގެ މައްސަލަ ވެސް ކޮމިޓީއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެ ކޮމެޓީއިން ވިދާޅުވީ އާމިރާ މަގާމުން ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ކުރީ ސަރުކާރުން އައްޔަންކުރި ހަތަރު މެންބަރަން ކަމުގައިވާ އެންއައިސީގެ ރައީސް އަހްމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު އަހްމަދު އަމީންގެ އިތުރުން ހަދީޖާ އަބްދުﷲ ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން ވެސް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމާފައިވެއެވެ.
ނަމަވެސް އޭގެ ތެރެއިން ތިން މެމްބަރަކު ވަނީ، މިދިޔަ ބުރާސްފަތި ދުވަހު އަމިއްލަައަށް އިސްތިޢުފާ ދެއްވާފައެވެ.