މިހާރަކަށް އައިސް ބުލީ ކުރުންވަނީ އަޅުގަނޑުމެންގެ މުޖުތަމައުގައި އާންމު ކަމަކަށް ވެފައެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ބުލީ ކުރަނީ ސުކޫލު ދުވަސް ވަރުއެވެ.
ސުކޫލުގައި އެކި ކުދިންގެ ފަރާތުން ކޮންމެ 5 ކުއްޖަކުން އެއް ކުއްޖަކީ ބުލީގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކެވެ. މިކަމުގެ ސަބަބުން ކުއްޖާ އަމިއްލަ ނަފްސް ދެކެ ރުޅި އައިސް ކުއްޖާގެ ކިޔެވުމަށް ވެސް ނޭދެވޭ އެތައް އަސަރެއް ކުރެއެވެ. މިކަމުގެ ނަތީޖާ އެއްގެ ގޮތުން ނަފްސާނީ ގޮތުން ކުއްޖާއަށް ނޭދެވޭ އެތައް އަސަރެެއް ކުރެއެވެ. މީހުންގެ ތެރެއަށް ނުކުމެ އުޅުމަށް އުނދަގޫވެއެވެ. ހިތާމައަކީ މިކަންތައް ބެލެނިވެރިން ވެސް ހުއްޓުވަން އެންމެ އެކަށީގެންވާ ފިޔަވަޅު ނާޅާތީއެވެ.
ބުލީ ކުރާއިރު އަނެކާއަށް ވާނެ ގެއްލުމަކާއި ކުރާނެ އަސަރެއް ވިސްނާލުމެއް ނެތި ދުލަށް އައިހާ އެއްޗެއް ގޮވާލާއިރު އެކުރެވެނީ ސަޅި ކަމެއްހެން ހީވަނީ ހެއްޔެވެ؟ ނޫނީ ތިމާ އަށް އެކަމުން ލިބެނީ ކޮން ހިތްހަމަ ޖެހުމެއް ހެއްޔެވެ؟
ދުނިޔޭގެ ނިސްބަތުން ބަލާއިރު ބުލީގެ ޝިކާރައަކަށްވާ ކުދިން ޑިޕްރިޝަންއަށް ގޮސް އަމިއްލަ އަށް މަރުވާ މީހުން އަންނަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.
ކޮންމެ އިންސާނެއްވެސް ހައްދަވާފައިވާނީ އެންމެ ރީތި ސޫރައިގައެވެ. ނަމަވެސް ބައެއް ފަރާތް ތަކަކީ މަގެއްގެ މަތިން ވެސް ހިނގާ ނުލެވޭ ފަރާތްތަކެވެ. މި ކަމަކީ އަޅުގަނޑުމެންގެ ތެރޭގައި ހިނގާ ވަރަށް ނޭދެވޭ އަމަލެކެވެ.
ސޯސަލް މީޑިޔާ އާއި އެހެން ވެސް ގޮތް ގޮތުން އަނެކުންގެ އަބުރު ކަތިލަމުން ދާއިރު ވާނެ ދެރައެއް ވިސްނާ ލަން ތޯއެވެ؟ ވިސްނާލަ ބަލާށެވެ. އެއީ ތިބާގެ ލޯބިވާ ގާތް ތިމާގެ މީހެއް ނަމަ ތިބާ އަށް ބަލަން ހުންނަން ކެތްވާނެތޯއެވެ؟
މިފަދަ ފަރާތް ތަކުގެ އަބުރު ކަތިލާއިރު އެކަމާ ޒިންމާ ވާނެ ފަރާތެއް ނުހުރެއެވެ. އަބުރުގެ ދައުވާ އެއް ކޮށްލަން ދާނެ ތަނެއް ނުހުރެއެވެ. މިއީ އިންސާފަކަށް ވާނެ ތޯއެވެ؟