އިސްލާމް ދީނުގައި އޮންނަ ގޮތް އޮޅުން ފިލުވައިދޭން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަށް މިއަދު ރައްދު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ޖިންސީ ކުށުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލްތަކަށް މަޖިލިހުގެ ބަހުސް ކުރައްވަމުން އީވާ ވަނީ އިޔާޒް ކުރައްވާފައިވާ ޓުވީޓަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އިޔާޒް މީގެކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އަންހެން މީހާ އައުރަ ނިވާ ކުރީމަ، ޖިންސީ އަނިޔާއެއް ނުހިނގާނެ ކަމަށާއި އަދި ފާހިޝް އަމަލުތައް ހިންގާ ދޮރުތައް ބަންދު ކުރަން ޖެހޭނެ ކަމަށެވެ. މިކަމާ ގުޅިގެން އީވާ ވިދާޅުވެފައިވަނީ އިޔާޒް ދެއްކެވީ މުޑުދާރު ވާހަކަ އެއް ކަމަށެވެ. އީވާ ވިދާޅުވި ގޮތުގައި އެގޮތަށް ދެކުމަކީ ޖިންސީ ކުށްތަކަށް ހިތްވަރު ދިނުމެވެ.
މީގެ އިތުރުން އިޔާޒް ވިދާޅުވެފައިވަނީ އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވާ ހިމާޔަތަށް ވުރެ ބޮޑު ހިމާޔަތެއް އެހެން އެއްވެސް ދީނަކަށް އަދި އެއްވެސް ބަޔަކަށް ނުދެވޭނެ ކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށާއި އަދި މަޖިލިހުގެ ގޮނޑިއެއް ލިބުމަކީ މީހާގެ ސައިޒް އޮޅެން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.