ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުތަކުގެ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަމާލުކަމަށް އެއްވެސް މީހަކު ގެނެސްފައި ނުވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
މިހެން ރައީސް އޮފީހުން ވިދާޅުވެފައިވަނީ މިދުވަސްކޮޅު ޝިފާޒްގެ ފަރާތުން ޖިންސީ ގޯނާ ލިބުމުން، އެކަމުގެ މައުލޫމާތު ރައީސް ސާލހު އާއި ހިއްސާކުރުމުން ވެސް އެކަމާއި މެދު އެއްވެސް ފިޔަވަޅެއް ނާޅުއްވާ ކަމަށް ބުނެ، މީސްމީޑިއާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދަނިކޮށެވެ.
ގިނަބަޔަކު ތުހުމަތުކުރަމުންދާ ގޮތުގައި ޝިފާޒްއާ މެދު ފިޔަވަޅު ނާޅާ ވަނީ އޭނާ އަކީ ރައީސްގެ އަރިސް ބޭފުޅަކަށް ވެފައި، އޭނާ ނުފޫޒު ގަދަވުމުންނެވެ.
ޝިފާޒްގެ މައްޗަށް މިފަދަ ތުހުމަތުކޮށް އެއްވެސް މައްސަލައެއް ހުށަހަޅާފައިވޭތޯ ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، ރައީސްއާ ހަމައަށް އެފަދަ އެއްވެސް ޝަކުވާއެއް ގެނެސްފައި ނުވާ ކަމަށެވެ.
އަދި އެއީ ސައްހަ ހަބަރެއް ނޫންކަމަށާއި އެފަދަ އެއްވެސް ޝަކުވާއެއް ވެސް މައްސަލައެއް ވެސް ހުށައެޅިފައި ނެތްކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ރަސްމީ ސިފައެއްގައިވެސް ނުރަސްމީ ސިފައެއްގައިވެސް އެ މައްސަލަ އައިސްފައިނުވާކަމުގައި ހޫދު ވިދާޅުވިއެވެ.
ސަރުކާރުގެ ގިނަ އިސްވެރިންތަކަކަށް އަމާޒުކޮށް ޖިންސީ ތުހުމަތުތަކެއް މިހާރު ދަނީ ކުރެވެމުންނެވެ. އެގޮތުން ޓުއަރިސްމް މިނިސްޓްރީގެ އިސްވެރިންނަށް ކުރެވެމުންދާ ތުހުމަތުތަކުގެ އިތުރުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ ފަރާތުން ޖިންސީ ގޯނާ ލިބުނުކަމަށް ބުނާ އޯޑިއޯއެއް ވެސް ދާދިފަހުން ވަނީ ލީކް ވެފައެވެ.