ނޫސް ރިޕޯޓްތައް ބުނާގޮތުގައި ޗައިނާގައި މި އަހަރު ފަހުކޮޅު ކުޅެން ހަމަޖެހިފައިވާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތައް ކުޅެން އެގައުމަށް ދަތުރުކުރާ ޓީމްތަކުން 14ދުވަހުގެ މުއްދަތަކަށް ކަރަންޓީން ވާންޖެހޭނެ ކަމަށެވެ.
އަދި މި މެޗުތައް ރާވައި އިންތިޒާމުކޮށް ގެންދިއުމުގެ ގައިޑްލައިން އެއް އެ ގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަން އިންވަނީ މިހާރު އެކުލަވާލުމުގެ މަސައްކަތް ފަށާފައިކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ކޮވިޑް 19ގެ ސަބަބުން ޗައިނާގައި ބޭއްވުމަށް ހަމަޖައްސާފައިވާ ގިނަ ބައިނަލްއަގުވާމީ ކުޅިވަރުތައް މިއަހަރު އެގައުމުގައި ނޯންނާކަމަށް ޗައިނާ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ސްޕޯޓްސް (ގޭސް) އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ.
އެގޮތުން ދުނިޔޭ މަޝްހޫރު ފޯމިއުލާ ވަން ރޭސްތަކާއި ޓެނިސް މުބާރާތްތައްވެސް ވަނީ ކެންސަލްކޮށްފައެވެ. އެހެން ނަމަވެސް ޗައިނާގެ ގައުމީ ޓީމުން ކުޅެން ހަމަޖެހިފައިވާ ވޯރލްޑް ކަޕް ކޮލިފައިންގް މެޗުތައް އޮންނާނެކަމަށް ވެސް އެ ގައުމުގެ ކުޅިވަރާ ބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ. ވޯރލްޑް ކަޕް ކޮލިފައިންގް ގައި ޗައިނާ ކުޅެން ޖެހޭ 4މެޗެއް އޮތް އިރު އޭގެ ތެރެއިން 3މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޗައިނާގައެވެ. ކޮލިފައިންގައި އެންމެ ފުރަތަމަ ޗައިނާގައި އެ ގައުމު ކުޅޭނީ އޮކްޓޫބަރު 8 ވަނަ ދުވަހު ރާއްޖެއާ ދެކޮޅަށެވެ. އޭގެ ފަހުން އޮކްޓޫބަރު 13 ވަނަ ދުވަހު ރަށުންބޭރުގައި ބޫޓާންއާ ދެކޮޅަށް ޗައިނާ ކުޅޭނެ އެވެ. އަދި ފަހު ދެ މެޗު ޗައިނާގައި ކުޅޭ ގޮތަށް އޮތްއިރު، ނޮބެމްބަރު 12 ގައި ފިލިޕީންސާ ބައްދަލުކުރުމަށް ފަހު ނޮބެމްބަރު 17 ގައި ސީރިއާއާ ކުޅޭނެ އެވެ.
ކޮލިފައިން ގްރޫޕް ކާމިޔާބު ކުރަން ޗައިނާ އަށް އަމިއްލަ ދަނޑުގައި ކުޅޭ ހުރިހާ މެޗަކުން މޮޅުވާން ޖެހެއެވެ. ޗައިނާ ސަރުކާރުން ވެސް މި މުބާރާތްތައް ބާއްވަން ބޭނުންކަމަށާއި ނަމަވެސް ސިއްހީ ގޮތުން ރައްކާތެރިވާންޖެހޭ ކަމަށާއި އެކަމަށްޓަކައި އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވައި އިތުރަށް ވަރުގަދަކުރައްވާނޭކަމަށް ވެސް އެގައުމުން ވަނީ ހާމަކޮށްފައެވެ.
މި މުބާރާތުގައި ރާއްޖެއިން ޗައިނާއާއި ދެކޮޅަށް އެ ގައުމްގައި މިދިޔަ ސެޕްޓެމްބަރ މަހު ކުޅުނު މެޗުންވަނީ 05-00ގެ ނަތީޖާއަކުން ރާއްޖެ މޮޅުވެފައެވެ.