ރާއޖޭގެ ސިޔާސީ ލީޑަރުން އަށް މިހާރު ތިއްބެވި ފަރާތްތަކާއި އެކު އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ އަސްލު މައްސަލައާ ހަމައަށް ވާސިލް ނުވެވޭނެ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވިދާޅުވެއްޖެ އެވެ.
ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު މިނިވަންވުމާއި ގުޅިގެން މަޖިލީހަށް ހުށަހެޅު ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ތޯރިގު ވިދާޅުވީ، ”އެމްއެމްޕީއާރުސީގެ މައްސަލައިގައި ހަގީގީ މައްސަލައާ ހިސާބަށް މިހާރު ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި މިތިއްބެވި ބޭފުޅުނާއި އެކު ނުދެވޭނެ. އަޅުގަނޑު މި ދަންނަވަނީ ވަރަށް ވާހަކަ،“ މިހާރު ވެރިކަމުގައި ތިބި ފަރާތްތަކުގެ އިތުރުން އެހެނިހެން ސިޔާސީ ފަރާތްތައް ވެސް ހިމެނޭ ކަމަށް ތޯރިގު ވިދާޅުވިއެވެ.
”އެމްއެމްޕީއާރުސީގެ ތިދަންނަވާ އަސްލު ރައްޔިތުން ބޭނުންވާ ހިސާބަކަށް ނުދެވޭނެ. މި ރާއްޖޭގަ މިހާރު މިއޮތް ސިޔާސީ މާހައުލުގެ މިހާރު މި ތިއްބެވި ވަރުގަދަ ސިޔާސީ ބޭފުޅުން ތިއްބަވާ ހިދެއްގައި. އެހެންވީމަ ރައްޔިތުން އުންމީދު ނުކުރައްވާ،“ ތޯރިގު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ބެލެވޭ މީހުންގެ ލިސްޓެއް ކޮރަޕްޝަން މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ވަނީ އެކުލަވާލާފައިވާއިރު މިހާތަނަށް އެ ލިސްޓު އާންމުކޮށްފައެއް ނުވެ އެވެ.
އެކަމަކު އެ ލިސްޓުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މިހާރުގެ މަޖިލިސް މެމްބަރުންނާއި މިހާރުގެ ވަޒީރުން އަދި ކުރީގެ ވަޒީރުން ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.