ދިވެހިރާއްޖޭގައި ކޮވިޑް-19 އިން އަލަށް ރަނގަޅުވެފައި ވަނީ 18 މީހުން ކަމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ވިދާޅުވީ ރޭގެ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އިން ރަނގަޅުވެފައިވަނީ 18 މީހުން ކަމަށާއި މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 2339 މީހުން ރަނގަޅު ވެފައިވާ ކަމަށެވެ.
18 މީހުން ރަނގަޅު ވެފައިވާއިރު، މިއަދު ވަނީ ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެގޮތުން މިއަދު ވަނީ 68 މީހަކު ޕޮޒިޓިވް ވެފައެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިވަނީ 2899 އަށް އަރާފައެވެ. މިއަދު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 47 ދިވެހިންނާއި، 21 ބިދޭސީންނެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް މިހާތަނަށް 65،176 ސާމްޕަލް ނަގާފައިވާއިރު، އައިސޮލޭޝަން ފެސިލިޓީގައި 440 ފަރާތެއް އަދި ކަރަންޓީނު ފެސިލިޓީގައި 32 ފަރާތެއް ވާކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. އަދި މިބަލީގައި ރާއްޖެއިން 15 މީހަކު ވަނީ މަރުވެފައެވެ.