އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް މިއީ މިހާރު ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ކޮންމެހެން ހިމަނަން ޖެހޭ ބައެކެވެ. ހިތާމަވެރި ކޮންމެ ދަނޑިވަޅެއްގައި ހިތްއުފާކޮށްލަން އެންމެ އަވަހަށް އުޅެވެނީ “ފްރެންޑްސް” ގެ ތަންކޮޅެއް ބަލާލެވޭތޯއެވެ. އުފަންދުވަހުގެ ހަފްލާއެއް ބޭއްވުމަށް ހިޔާލު ހޯދަން ބަލާލާއިރުވެސް އެންމެ އަވަހަށް ހިޔާލަށް އަންނަނީ “ފްރެންޑްސް” އެވެ. ފިހާރައަކަށް އެއްޗެއް ގަންނަން ދިޔަސް “ފްރެންޑްސް” ގެ ކޮންމެވެސް ކުރެހުމެއް ނޫނީ ލިޔުމެއް އިންނަ އެއްޗެއް ފެނިއްޖެނަމަ އެ ބޭނުން ވާ މީހުންވެސް އުޅެއެވެ. ފޯނު ކަވަރާއި، ސައިބޯ ޖޯޑެވެ. ދަބަހާއި ޓީޝާޓުވިޔަސް ހެވެއެވެ.
އާއެކެވެ! ދަންނަވަން މިއުޅެނީ އަޅުގަނޑުމެންގެ ޒުވާން ޖީލު އެސީރީޒަކަށް މަރުދެމުންދާ “ފްރެންޑްސް” ގެ ވާހަކައެވެ.
“ފްރެންޑްސް” އަކީ އެމެރިކާގެ ދެ ފިލްމް ޕްރޮޑިއުސަރުންކަމުގައިވާ ޑޭވިޑް ކްރޭނާއި މާޓާ ކޯފްމޭން އުފައްދާފައިވާ އެމެރިކަން ސިޓްކޮމް ޓެލެވިސަން ސީރީޒްއެކެވެ. 10 ސީޒަން އެކުލެވޭ މި ސީރީޒްގެ އެންމެ ފުރަތަމަ އެޕިސޯޑު އާންމުންނަށް ދައްކާފައިވަނީ 22 ސެޕްޓެމްބަރު 1994 ގައެވެ.
6 އެކުވެރިން، އެމީހުންގެ ޒުވާން ދުވަސްވަރުގެ ދިރިއުޅުން ދައްކައިދޭ މި ސީރީޒަކީ ބަލާ ކޮންމެ މީހެއްގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭނެފަދަ މަޖާ ސީރީޒެއްކަމުގައިވެއެވެ. ތަފާތު ކަންތައްތަކެއް ދައްކުވައިދޭ މި ސީރީޒް އާންމުންގެ މަޤުބޫލުކަން ހޯދާފައިވަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައެވެ. ކިތަންމެ ފަހަރަކު އަލުން ފަށަފަށައިގެން ވެސް ބެލެނީ ކޮންމެ އެޕިސޯޑަކީވެސް ތަފާތު އެޕިސޯޑަކަށްވެފައި އޭގައި ގެނެސްފައިވާ ހެއްވާ މަޖާ ކަންތައްތަކުންކަމުގައިވެއެވެ.
ވާރނާރ ބްރޯސް ސްޓޫޑިއޯ، ބާރބޭންކް – ކެލެފޯރނިއާރގައި ނަގާފައިވާ މި ސީރީޒަކީ ޓެލެވިޒަން ސީޒަން ރޭޓިންގްސް ގެ ގަދަ ދިހައެއްގައި ހިމެނިފައިވާ ސީރީޒެކެވެ. 6 މޭ 2004 ގައި މި ސީރީޒްގެ އެންމެ ފަހު އެޕިސޯޑް އާންމުންނާ ހަމައަށް އައި އިރު ވަނީ 52.5 މިލިއަން މީހުން ބަލައި ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބެލި 5 ވަނަ ސީރީޒްކަމުގައި ވެފައެވެ. އަދި މިއީ ދެހާހުގެ އަހަރުތަކުގައި ނެރުނު އެންމެ މަޝްހޫރު އެއް ސީރީޒެވެ.
މިހާރު އެންމެ ގަދަޔަށް ދެކެވެމުންދާ ވާހަކައަކީ “ފްރެންޑްސް ގެ ރީޔޫނިއަން” ގެ ވާހަކައެވެ. ދާދި ފަހުންމި ސީރީޒްގެ މައިގަނޑު 6 ތަރިން ވަނީ މުޅިން އަލަށް އިންސްޓަރގުރާމުވެސް ބޭނުން ކުރަން ފަށާފައެވެ. އަދި “ފްރެންޑްސް ގެ ރީޔޫނިއަން” އެއް އަންނަ ކަމަށް ސީރީޒްގެ އޮފިޝަލް އެކައުންޓްގައި ލިޔެފައިވެއެވެ. މިކަމުގެ ހަޤީގަތެއް އަދި ސާފުނުވާއިރު ގިނަބަޔަކު ދަނީ މިކަމަށް އިންތިޒާރު ކުރަމުންނެވެ.