މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ތަޅުމަށް ހުށައެޅި ރެސިޑެންސީ އާއި ބެހޭ ގާނުނަށް ގެންނަން ބޭނުންފުޅުވި އިސްލާހަށް ސަރުކާރުން ތާއިދުނުކުރެއްވުމުން އެކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ކޮމިޓީއަކަށް އިސްލާހެއް ހުށަނައަޅުއްވާކަމަށެވެ.
އަޅުގަނޑު ކޮމެޓީއަށް އިސްލާހެއް ހުށަހެޅި ކަމަށް ވިދާޅުވީ ކީއްވެކަމަށް އެމަނިކުފާނަކަށް ނުވިސްނޭކަމަށާއި އެމަނިކުފާނު ހިތްޕުޅުން ކޮމެޓީގެ މުގައްރިރު އެގޮތަށް އެ މައުލޫމާތު ދެއްވީކަމަށް ވަރަށް ސާފުކޮށް ހުރިހާ އިއްޒަތްތެރި މެމްބަރުންނަށް ދަންނަވާކަމަށާއި އަދި އެމަނިކުފާނުގެ އިދާރީ މޭޒުން ވެސް އެހެނިގެން ގޮތްގޮތުން ބެލީމާވެސް ވަރަށް ބޮޑަށް ސާފުކޮށް މިކަން އެނގިލައްވާނެކަމަށް ވެސް ރައީސް ނަޝީދު ވަނީ މިއަދުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީގައި ވިދާޅުވެފައެވެ.
ރައީސް މުހައްމަދު ނަޝީދުގެ ހުށަހެޅުއްވީ، އިމިގްރޭޝަންގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދެވޭ ހާލަތްތަކަށް އިސްލާހު ގެނައުމަށެވެ. އެގޮތުން އެއްލައްކައަށް ވުރެ މަތިން ހޭދަކުރާ ފަރާތްތަކަށާއި ދިގު މުއްދަތަށް ގެ ކުއްޔަށް ނަގާ ފަރާތްތަކަށް ރާއްޖޭގެ ރައްވެހިކަމުގެ ލިޔުން ލިބޭނެ އިންތިޒާމެއް ހަމަޖައްސަން ރައީސް ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައެވެ.
ނަމަވެސް މިކަމާއި ގުޅިގެން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ސަރުކާރު ރަމްޒުކޮށްދޭ ފަރާތްތަކުން މިކަމަށް ތާއީދު ނުކުރެއްވުމުން ރައީސް ނަޝީދު ވަނީ މިއީ އެމަނިކުފާނު ހުށައެޅުއްވި އިސްލާހެއްނޫންކަމަށް ވިދާޅުވެ އެކަމަށް އިންކާރުކުރައްވާފައެވެ.