ޑީއާރުޕީގެ ވެރިކަމުގައި ކޮންމެ ރައްޔިތަކަށް ދުވާލަކު 30،000 ރުފިޔާ ދޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރ އަބްދުﷲ ޖާބިރު ވިދާޅު ވެއްޖެއެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވެފައި ވަނީ ރާއްޖެއަކީ މުއްސަދި ގައުމެއްކަމަށާއި ރާއްޖޭގެ ރައްޔިތެއް އަތުން ފެނާއި ކަރަންޓާ ނަގަން ބޭނުން ނުވާކަމަށެވެ. އަދި ދިވެހި ރާއްޖޭގެ ކޮންމެ މީހެއްގެ ލޮލުގައި ރީތި އައިނެއް އޮންނާނެ ކަމަށާއި، ކޯޓު ފަޓުލޫނުވެސް ހިލޭ ގެނެސްދޭނެކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
ބަޔޯ މެޑިސިންގެ ދާއިރާއިން ސިންގަޕޫރުގައި މަތީ ތައުލީމް ހާސިލް ކޮށްފައިވާ އަދި ޑީއާރުޕީގެ ސެކެރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޖާބިރުގެ ދަރިކަނބަލުން އައިމިނަތު ޖާބިރު އަށް ޓުއަރިޒަމް މިނިސްޓަރގެ ހުސްވެފައިވާ މަގާމަށް ލައިދިނުމަށް ވެސް ޖާބިރު ވަނީ އެދިފައެވެ.
އަދި ޑީއާރުޕީގެ މެންބަރެއްގެ ގޮތުގައި މަޖިލީހުގައި ހުންނަނީ ޖާބިރު އެކަނި ކަމުން ޖާބިރުގެ ހާލަތާއި މެދުގައި ވެސް ކޮންމެވެސް ވަރަކަށް ވިސްނަން ޖެހޭނެ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.