އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ބައްދަލު ކުރައްވައިފިއެވެ.
އިންޑިއާ ހައި ކޮމިޝަންގައި ބޭއްވި ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން އެ ކޯލިޝަންގެ އެޑްވައިޒަރުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދުގެ އިތުރުން މުޙައްމަދު ހުސައިން ޝަރީފް ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްވަރާތަކުގެ ތެރޭގައި ރާއްޖޭގެ މުއައްސަސާތައް ހަރުދަނާ ކުރުމަށް އިންޑިއާގެ ހުށަހެޅުންތަކާ ގުޅޭ ގޮތުން މަޢުލޫމާތު ސާފު ކުރެވުނު ކަމަށާއި ރާއްޖޭގެ ތަރައްޤީއާއި ރާއްޖޭގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް އެ ބައްދަލުވުމަށް ފަހު މުންދު ކުރެއްވި ޓްވީޓުގައި ހާމަކުރިއެވެ.
ޕީޕީއެމާއި ޕީއެންސީގެ ބޭފުޅުން އިންޑިއާގެ ސަފީރާއި ބައްދަލުކުރައްވާފައި ވާއިރު އިދިކޮޅުގެ އިސް ބޭފުޅުން އެކި ޖަލްސާތަކުގައި އިންޑިއާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައިވެއެވެ. އެގޮތުން ޗައިނާ އަށް ވުރެ ބޮޑަށް މި ސަރުކާރުން އިންޑިއާއާ ގުޅުން ބަދަހިކުރާތީ އެކަމާ އިދިކޮޅުން ނުރުހުން ފާޅުކުރެއެވެ.