ހދ.އަތޮޅުގެ އިސް މެޖިސްޓްރޭޓްގެ މުޙައްމަދު މަޢުޞޫމްގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާރވިސް ކޮމިޝަން އިން ނިންމަވައިިފިއެވެ.
ހދ. ހިިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޟިއްޔާއެއް ނިންމުމުގައި އިސްމެޖިސްޓްރޭޓް ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައިވާކަމަށާއި ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ރިޝްވަތުގެ އެހެން މުޢާމަލާތްކޮށް މުސާރައާއި އިނާޔަތުގެ ފައިސާގެ އިތުރުން އޭނާގެ ބޭންކު އެކަންއުންޓަށް ވަދެފައިވާ ގިނަ އަދަދެއްގެ ފައިސާއަކީ ނާޖާއިޒް ގޮތުގައި ހޯދާފައިވާ ފައިސާކަން ވެސް ސާބިތުވާ ކަމަށް ޖޭއެސްސީ އިން ނެރުުނު ބަޔާނުގައި ހަމަކުރައްވާފައިވެއެވެ.
މީގެ އިތުރުން ވަޒީފާގެ މާހައުލުގައި އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާމެދު މުޙައްމަދު މަޢުޞޫމްގެ ހިތާފައިވާ ކަމަށާއި އެމުވައްޒަށް ޖިންސި ފުރައްސާރައިގެ ސިފަ އެކުލެވޭ އަމަލުތައް ކޮށްފައިވާކަން ތަޙްޤީޤަށް ސާބިތުވާތީ ހދ.އަތޮޅުގެ އިސް މެޖިސްޓްރޭޓްގެ މުޙައްމަދު މަޢުޞޫމްގެ މި އަމަލުތަކަކީ ދިވެހި ފަނޑިޔާރުންގެ ޤާނޫނުގެ، ޤާނޫނު ނަންބަރު 13/2020 ގެ 32 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާ، 6 ވަނަ ނަންބަރާ، 9 ވަނަ ނަންބަރާ، 14 ވަނަ ނަންބަރު އަދި ޤާނޫނުގެ 7 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 4.6 އާއި، 4.7 އާއި، 1.2 އާއި، 2.2 އާއި، 3.1 އަދި 3.2 ވަނަ ނަންަރާއި ކަނޑައެޅިގެން ހިލާފަށް ކޮށްފައިވާ އަމަލުތަކެއްކަމަށް ވާތީ، ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނުގެ، ޤާނޫނު ނަންބަރު 10/2008 ގެ 32-1 (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވުމަށް ނިންމާފައިވާކަމަށް ވެސް އެ ކޮމިޝަނުން ނެރުނު ބަޔާނުގައިވެއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުތެރޭގައި މުޙައްމަދު މަޢުޞޫމްގެ މައްސަލަ ޖޭއެސްސީ އިން ބަލަން ނިންމިއި އެމައްސަލަޔާއި ގުޅިގެން މި އަހަރު ޖޫން މަހު މަޤާމުން ސަސްޕެންޑް ވެސް ކުރިއެވެ. މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖޭއެސްސީ ނިންމާފައި ވަނީ 51 ވަނަ ބައްދަލުވުމުގައެވެ.