ރިސޯޓެއްގެ ގޮތުގައި ވ.އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ރަށެއްގައި ބިދޭސީން ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިންގި ހަމަނުޖެހުމުގެ ސަބަބުން 22 ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ވ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށެއްގައި ބިދޭސީން ހިންގި ހަމަނުޖެހުމުގެ ސަބަބުން 22 މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންދެވިފައިވާ ކަމަށެވެ. އަދި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ފެލިދޫ މެޖިސްޓްރޭޓް ކޯޓުން ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ހަމަ ނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާނަމަވެސް އެމީހުންގެ ސުޕަވައިޒަރުގެ ކޮޓަރިއަށް ވަނީ ހަމަލާ ދީފައެވެ. ރަށުގެ މަސައްކަތައް ހުރަސް އަޅައި އިހުތިޖާޖު ކުރުމުން އެމައްސަލަ ހައްލު ކުރުމަށް ބިދޭސީންގެ ސްޕޮންސަރުންވެސް ވަނީ އެރޭ އެރަށުގައި ހަރަކާތްތެރި ވެފައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން އަދި އެހެންވެސް އިދާރާއަކުން ބިދޭސީން އެރަށުގައި ހަރުތާލު ކުރީ ކޮން ސަބަބާ ހުރެކަމެއް ނުބުނެ އެވެ.
ރާއްޖޭގައި ފަހަކަށް އައިސް ބިދޭސީ މަސައްކަތްތެރިން ދަނީ އިހުތިޖާޖު ކުރަމުންނެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ރިޒް ކުންފުނީގެ ބިދޭސީންތަކެއް ވެސް މި މަހުގެ ދެވަނަ ދުވަހު އެ ރަށުގައި 13 ދިވެއްސަކު ރަހީނުކޮށް، ބޮޑު ހަމަނުޖެހުމެއް ހިންގި އެވެ. އެ ތަނުން ވެސް 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ. ހުޅުމާލޭގައި އިމާރާތްކުރާ ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ ކޮންޓްރެކްޓަރު ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން ވެސް މި މަހުގެ 13 ގައި ހިންގި ހަމަނުޖެހުމުގައި ފުލުހުންނަށް އަނިޔާވެ، ފުލުހުންގެ ވެހިކަލަކަށާއި ބައެއް އާންމުންގެ މުދަލަށް ވެސް ގެއްލުން ދީފަި ވެ އެވެ. މި ހަމަނުޖެހުމުން ވެސް 41 ބިދޭސީއަކު ހައްޔަރުކޮށްފައިވާއިރު އެ މީހުންގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.