މައްސަލަތައް ނިންމުމުގައި ފައިސާ ނަގާ ހދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމްގެ އެކައުންޓަށް މިލިއަނަށްވުރެ ގިނަ ފައިސާ ވަދެފައިވާކަމަށް ޖުޑީށަލް ސާރަވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ޖޭއެސްސީން ބުނީ ހދ. ހިރިމަރަދޫ ކޯޓުގައި މައްސަލައެއް ނިންމުމުގަ އާއި މަސްއޫލިއްޔަތު އަދާކުރުމުގައި މެޖިސްޓްރޭޓް މައުސޫމް ރިޝްވަތުގެ މުއާމަލާތްތައް ހިންގާފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށާއި އޭނާއަށް ލިބޭ މުސާރަ އާއި އިނާޔަތުގެ އިތުރަށް އޭނާގެ އެކައުންޓަށް 3 އަހަރާއި 8 މަސްދުވަހުގެ ތެރޭގައި 1.4 މިލިއަން ރުފިޔާ ވަދެފައިވާކަމަށެވެ. އަދި ފައިސާއަކީ ނާޖާއިޒް ގޮތުގައި ލިބިފައިވާ ފައިސާކަން ސާބިތުވާ ކަމަށާއި މިފައިސާ އިސް މެޖިސްޓްރޭޓަށް ލިބުނު ގޮތެއް ސާފުކޮށްދެވިފައިނުވާކަމަށްވެސް ޖޭއެސްސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ވަކި މަސްމަހުގައިވެސް ބޮޑެތި އަދަދުން އިސްމެޖިސްޓްރޭޓްގެ އެކައުންޓަށް ފައިސާ ވަދެފައިވުމާއި އެކޯޓުގެ ބައެއް މުވައްޒަފުންގެ އެކައުންޓަށް ފައިސާ ފޮނުވާ އެކި ދުވަސްދުވަހުން އެ ފައިސާ ނަގާފައިވާކަމަށްވެސް ޖޭއެސްސީގެ ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ. އަދި މި މައްސަލަ ބެލިބެލުމުގައި ހެކިބަސް ދިން ފަރާތަކުން އިސް މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް މައްސަލަ ބެލުމުގައި ރިޝްވަތުނަގާކަން ހާމަކޮށްފައިވާކަމަށްވެސް ޖޭއެސްސީގެ ރިޕޯޓްގައިވެއެވެ.
މީގެ އިތުރުން ވަޒީފާގެ މާހައުލުގައި އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާ މުއާމަލާތު ކުރި ކަމަށާއި އެކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވޭ ކަންތައްތަކެއް ކަން ތަހުގީގަށް ސާބިތުވާ ކަމަށާއި އެ އަމަލުތަކަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކެއް ކަމަށްވާތީ އޭނާ މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ކޮރަޕްޝަނާއި، ޖިންސީ ފުރައްސާރައާ ގުޅިގެން ޖޭއެސްސީން ކުރި ތަޙުޤީޤު ސާބިތުވެ ހދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް މަޤާމުން ވަކިކުރުމަށް މަޖީލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.