މޯލްޑިވްސް މަނިޓަރީ އޮތޯރެޓީގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވި، އައިޝަތު ޒާހިރާގެ މަގާމުގެ މުއްދަތް ފުރިހަމަ ކުރެއްވުމަށްފަހު އެމަގާމުން ވަކިވެ ވަޑައިގެންފިއެވެ.
އެމްއެމްއޭ އުފެދުނީއްސުރެއް ޒާހިރާ ވަނީ އެމްއެމްއޭގެ އެކި މަގާމުތައް ފުރުއްވާފައެވެ. އެގޮތުން ޑެޕިއުޓީ ގަވަރުނަރުގެ މަގާމާއި ހަވާލުވެ ހަ އަހަރުގެ ދެ ދައުރާއެކު ޖުމްލަ ބާރަ އަހަރު ޑެޕިއުޓީ ގަވަރުނަރުގެ މަގާމު އަދާކުރެއްވުމަށްފަހު މަގާމުން ވަނީ ވަކިވެވަޑައިގެންފައެވެ. އެމްއެމްއޭގެ ގަވައިދުގައިވާ ގޮތުން ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުރެވޭނީ ހަ އަހަރުގެ ދެދައުރެވެ. އެހެން ކަމުން އެމަގާމު މިހާރު ވަނީ ހުސްކަމެއްގެ ތެރޭގައެވެ.
31 އަހަރުގެ ދިގު ހިދުމަތެއް އެމްއެމްއޭއަށް ކޮށްދެއްވި ޒާހިރާގެ ހިދުމަތުގެ އަގުވަޒަން ކުރައްވާކަމަށް އެކަމަނާ މަގާމުން ވަކިވެ ވަޑައިގަތުމުން އެމްއެމްއޭއިން ނެރުނު ބަޔާނުގައިވަނީ ބުނެފައެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ މަގާމުގައި ހުންނެވީ އަލީ ޙާޝިމްއެވެ. އަދި އެސިސްޓަންޓު ގަވަރުނަރުގެ މަގާމުގައި ތިން ބޭފުޅަކު އެބަތއްބެވެ. އެއީ މަރިޔަމް ހުސެއިން ދީދީ އާއި، އިދްހާމް ހުސެއިންގެ އިތުރުން މަރިޔަމް ޝިފާއެވެ.