ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއަރާފަދަ އަދި ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އެއްވެސް އެއްބަސްވުމެއް އެއްވެސް ޤައުމަކާއެކު ޕީޕީއެމް ސަރުކާރުގައި ހަދާފައެއް ނުވާނެ ކަމުގައި ބުނެ އިދިކޮޅު ކޯލިޝަނުން ބަޔާނެއް ނެރެފިއެވެ.
މި ބަޔާނުގައި ބުނެފައިވަނީ ޤައުމީ ދިފާޢީ ބާރުގެ ހުނަރާއި ޤާބިލްކަން އިތުރުކުރުން ކަމުގައިވިއަސް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގައިވިޔަސް، ރާއްޖޭގެ ފަސްގަނޑުގައި އެހެން ޤައުމެއްގެ އަސްކަރީ ބަޔަކު ޤާއިމްވެ ތިބުމަކީ އެ ކޯލިޝަނުން އެއްއިރެއްގައިވެސް ތާއީދުކުރިކަމެއް ނޫންކަމުގައެވެ. އަދި އެފަދަކަމަކަށް މަގުފަހިވާނެ ގޮތަށް މުޢާމަލާތްކޮށް އެއްބަސްވުންތައް ހެދުމަކީވެސް އެ ކޯލިޝަނުން ކުރާނެކަމެއް ނޫންކަމުގައެވެ.
އެ ކޯލިޝަނުން ވިދާޅުވީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޙާރިޖީ އަދި އަސްކަރީ ދާއިރާއިންވެސް އެކުވެރި ޤައުމުތަކާއި ގުޅުން ބަދަހިކޮށް ދެމެހެއްޓުމަކީ އިދިކޮޅު ކޯލިޝަނުން އަބަދުވެސް މަރުހަބާ ކިޔާނެކަމެއް ކަމަށެވެ.މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ހުރަސްނޭޅޭ ކަންކަމުގައި ރާއްޖެއާއި އެކުވެރި ޤައުމުތަކާއެކު، ޤައުމުގެ ތަރައްޤީއަށް އެހީތެރިކަން ހޯދުމާއި ވަސީލަތްތައް ހޯދުމާއި، ވަސީލަތްތައް ޤާއިމްކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކި ޕީޕީއެމްގެ ސަރުކާރުން އަބަދުވެސް މަސައްކަތްކޮށްފައިވާނެކަމަށެވެ.
އަދި ދިވެހިންގެ ޤައުމިއްޔަތު ދިފާޢުކޮށް، ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރުމުގައި އެ ކޯލިޝަނުން އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަޤީންކަން އަރުވާކަމަށް މި ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.އެއާއެކު އިދިކޮޅު ކޯލިޝަނުން ވަނީ ޤައުމުގެ ސިޔާދަތާއި އިޤްތިސާދީ މިނިވަންކަމަށް ހުރަސްއެޅޭނެ އެއްވެސްކަމެއް ނުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.