މާލޭގެ އެކި ސަރަހައްދުތަކުގެ ސްކޫލުތަކުގައި ގްރޭޑު 07 އާއި ގްރޭޑް 08 ގެ ކިޔެވުން އަންނަ މަހުގެ 16 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މާލޭ ސިޓީގެ ސްކޫލުތަކުގެ ކީ ސްޓޭޖު 3 (ގްރޭޑް 07 އަދި 08) ގެ ކިޔެވުން މާލޭ ސިޓީގެ ސްކޫލުތަކުގައި އަންނަ މަހުގެ 16 ގައި ފެށުމަށް ހަމަޖައްސާފައިވާ ކަމަށެވެ. މިހާތަނަށް މާލޭގެ ސްކޫލުތަކުގައި ކިޔަވައިދެމުން ގެންދިޔައީ ހަމައެކަނި ގްރޭޑް 9ކުން މަތީގެ ދަރިވަރުންނަށެވެ. ނަމަވެސް ރާއްޖެތެރޭ ރަށްތަކުގައި މިމަހު 1 ކުން ފަށައިގެން ހުރިހައި ގްރޭޑްތަކަކަށް ދަނީ ކިޔަވައިދެމުންނެވެ.
މާލޭގައި މިހާތަނަށް އެކި ސްކޫލްތަކުން ދަރިވަރުންނާއި ޓީޗަރުންވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.އެހެންކަމުން ދަރިވަރުން ސްކޫލަށް ގެންދިއުމުގައި ދަނީ ހާއްސަ އުސޫލުތަކެއް ބިނާކޮށްފައެވެ.
އެޗްޕީއޭއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ހަދާފައިވާ މި އުސޫލުތަކުގެ ތެރޭގައި ގައިދުރުކަން ބެހެއްޓުމާއި ކްލާސްތަކުގައި ތިބޭ ކުދިންގެ އަދަދު ކުރިއަށްވުރެ ދެބައިކުޅަ އެއްބައި މަދުކުރުމާއި ދަރިވަރުންނާއި ޓީޗަރުން ހުރިހާ ވަގުތެއްގައި މާސްކް އަޅައިގެން ތިބުން ވަނީ މަޖުބޫރު ކޮށްފައެވެ.