ރިސޯޓްތަކުގެ މުއައްޒަފުންނަށް މުސާރަނުދެވެންވީ ސަބަބެއްނެތްކަމަށް ޕީ.އެން.ސީ.ގެ ނައިބުރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިސޯޓްތަކުގެ ކުލި ފަސްކޮށްދީފައިވާއިރު އެތައްހާސް ދިވެހި މުއައްޒިފުން ރަށުގައި މުސާރައިގެ ފުކެއްވެސް ނުލިބި ތިބެންޖެހޭ ސަބަބެއްނެތްކަމެވެ. ފޯން،ފެން،ކަރަންޓާއި ގޭގެ ކުލިނުދެއްކި،މުޅި އާއިލާ ރަށުގައި ތިއްބެވި ކަމަށާއި ޕެންޝަންގެ އިންތިޒާރުގައި މިހެން ކިތައްދުވަސް މިފަދަ ޢާއިލާތަކުން ހޭދަކުރައްވަން ޖެހިލައްވާނެތޯ ވެސް މުހައްމަދު ސަޢީދުވަނީ ސުވާލުކުރައްވާފައެވެ.
ކޮވިޑް 19 އާއި ގުޅިގެން ފަތުރުވެރިކަމަށް އައި ހީނަރުކަމުގެ ސަބަބުން އެތައް ރިސޯޓްތަކެއްވަނީ ބަންދުކުރެވިފައެވެ. އަދި ބައެއް ރިސޯޓްތަކުންވަނީ މުސާރަ ނުދީ މުއައްޒަފުން ވަޒީފާއިން ވަކިކޮށްލާފައެވެ. އަދި އެއްބައި ތަންތަނުން ވަނީ މުއްދަތެއް ނެތްގޮތަށް މުސާރަ ނުދީ މުއައްޒިފުންނަށް ގޭގައި ތިބުމަށްވެސް އަންގާފައެވެ.
ނަމަވެސް މިހާރު އަނެއްކާވެސް ރިސޯޓްތައް ހުޅުވި ޚިދުމަތްދޭން ފަށާފައިވެއެވެ. ދުވަސްކޮޅުގެ ގޮތުން ކުޑަ މުސާރައެއް ލިބުނު ކަމުގައި ވީނަމަވެސް ގިނަ ރައްޔިތުންނެއްވަނީ އެނބުރި ރިސޯޓްތަކަށް ވަޒީފާ އަދާކުރަންވެގެން ގޮސްފައެވެ.