ކޮވިޑް 19 އަށް ދިން ލުއިތަކަށް ބަދަލުގެނެސް ހަރުދަނާ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް އެމް.އާރު.އެމް އިން ހާމަކޮށްފިއެވެ.
ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައްޔިތުންނަށް ތަހުނިޔާ އަރިސްކޮށް ނެރިފައިވާ ބަޔާނުގައި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމް.އާރު.އެމް އިން ހާމަކުރީ މިނިވަންދުވަސް އައިއިރު ރައްޔިތުންނަށް މިވަނީ، މިނިވަން ކަމާއެކު އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ޙާލަތާއި ގޮތެއް ނެތި އެކަމުގެ ދަތިތަކާއި ކުރިމަލާން ޖެހިފައިވާކަމަށެވެ. މިޙާލަތު ރަނގަޅު ކުރުމަށާއި ރައްޔިތުންނަށް ފަސޭހަ ގޮތްތައް ފަހިކޮށްދިނުމުގައި ދިވެހި ސަރުކާރުން ހަމަޖައްސާފައިވާ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާ ކުރުން މުހިންމުކަމަށްވެސް މި ބަޔާނުގައިވެއެވެ.
އެގޮތުން މިވަގުތަކީ ކޮވިޑް 19 އާއި ގުޅިގެން ދެވުނު ލުއިތަކަށް ބަދަލުގެންނަވައި މިއަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭ ދަނޑިވަޅެއްކަމަށްވެސް އެމް.އާރު.އެމް ގެ ބަޔާނުގައި ވެއެވެ. އެގޮތުން މިއަދު މި ބަލީގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ މިނިވަން ކަމަށް މިވަނީ ހީނުކުރާ ފަދަ ބޮޑެތި ދަތިތަކަކާ ކުރިމަތި ލާންޖެހިފައިކަމަށާއި މި ކަމުން ސަލާމަތްވެ ކުރީގައި އުޅުނު މިނިވަން ދިރިއުޅުން އިއާދަ ކުރެވޭނީ، އަޅުގަނޑުމެން އެންމެން އެކުގައި އެއް އަމާޒަކަށް މަސައްކަތް ކޮށްގެންކަމަށާއި ސަރުކާރުގެ އެންގުންތަކާ އެއްގޮތަށް ޢަމަލު ކޮށްގެންކަމަށެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ފަރުދީ ޒިންމާ އަދާ ކުރުމަށް މިއަދު އަޅުގަނޑުމެން ޢަޒުމު ކަނޑައަޅަން ޖެހޭކަމަށްވެސް ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީ އެމް.އާރު.އެމް.ގެ ބަޔާނުގައިވެއެވެ.
އަދި މިނިވަންކަން ހޯދުމަކީ އެކަމުގައި އެތައް ބަޔެއްގެ ބޮޑެތި ޤުރުބާނީތަކަކާއި ޙައްޤުތައް ޝާމިލުވާ ކަމެއްކަމުން، މިނިވަންކަން ހޯދުމަށްވުރެ، އެ ލިބުނު މިނިވަންކަން ދެމެހެއްޓުމަކީ މާ ބޮޑު ގޮންޖެހުމެއްކަމަށާއި ކިތަންމެ ގޮންޖެހުން ބޮޑުނަމަވެސް އެކަމުގެ ޒިންމާއާ މަސްއޫލިއްޔަތު އެޅިފައި އޮންނަނީ އެއިރެއްގެ ސަރުކާރެއްގެ ކޮނޑުގައިކަމަށް އެމް.އާރު.އެމް ގެ ބަޔާނުގައިވެއެވެ. ހަމައެހެންމެ، އެ މިނިވަންކަން ދެމެހެއްޓުމަށް ރައްޔިތުންވެސް މަސައްކަތްކުރަން ޖެހޭކަމަށާއި އެއީ އެކަންކުރުމަކީ، ދިވެހިރާއްޖޭގައި ޢަމަލުކުރަމުން އަންނަ ޤާނޫނު އަސާސީން ދިވެހި ދައުލަތާއި ރައްޔިތުންނަށް ލާޒިމްކޮށްފައިވާ ކަމަކަށްވާތީ ވެސް އެބަޔާނުގައި ވެއެވެ.
ކޮވިޑް19ގެ އަސަރު އަދިވެސް ރާއްޖޭގައި ނިސްބަތުން ބަލާނަމަ ދަށެއްނޫނުވެ. މިބަލިން ރައްކާތެރިވެ ބަލި ފެތުރުނަނުދޭން މަސައްކަތް ކުރުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ފަރުދީ ޒިންމާއެކެވެ. ފުރަބަންދަށް ލުއިތަކެއް ދިނީ އިޤްތިސާދީ ގޮތުން ދިމާވެދާނެ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ކަމަށް ވެސް ރައްކާތެރިނުވެއްޖިއްޔާ އިޤްތިސާދު ދަމަހައްޓަން މަސައްކަތް ކުރާނެ މާޙައުލެއް ނޯންނާއެވެ.