މި ސަރުކާރަކީ އެއްކިޑިނީ ފެއިލްވެފައިވާ ސަރުކާރެއްކަމަށް ޕީ.އެން.ސީގެ ރައީސް އަބްދުލް ރަހީމް އަބްދުއްﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވަނީ 55 ވަނަ މިނިވަން ދުވަހާއި ބައްދަލުވިއިރު ދިވެހި ރައްޔިތުން ދަނީ މިނިވަން ކަމަކީ ކޮބައި ކަމާއި މެދު ސުވާލު ކުރަމުން ކަމަށެވެ. މި ވަގުތު މިނިވަން ކަމަކީ ކޮބައިކަމެއް އިހުސާސް ކުރެވޭ ދިވެހި އެއްވެސް ރައްޔިތެއް ނެތް ކަމަށާއި އަދި ދިވެހި ރައްޔިތުންނަށް މިނިވަންކަން ހޯދައި ދެއްވުމަށް އެންމެ ކުރީ ސަފުގައި ހުންނެވީ ދިވެހި ސިފައިންނާއި ފުލުހުން ކަމަށާއި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ރެއާއި 7 ވަނަ ދުވަހު ގައުމު ސަލާމަތް ކޮށްދެއްވުމަށް ކޮށްދެއްވާފައިވަނީ އިޙްލާސްތެރި މަސެއްކަތެއް ކަމަށާއި އެކަމަށް ޝުކުރުވެރިވާ ކަމަށް ވެސް އެމަނިކުފާން ވަނީ ވިދާޅުވެފައެވެ.
މިގެ އިތުރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވާ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވަނީ މިއަދު ދިވެލި ރާއްޖޭގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން ދަނީ ރައްޔޮތުން އަޅުވެތިކުރުމަށް މަސައްކަތް ކުރަމުން ކަމަށާއި މިއަދު ފުލުހުންގެ އިދާރާއާއި ހަވާލުވެގެން ހުންނެވީ ރައްޔިތުންގެ އިތުބާރު ނެތް ބޭފުޅެއް ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.
”މިއަދު ފުލުހުންގެ މުއައްސަސާ ހިންގެވުމާއި ހަވާލު ވަޑާއިން ހުންނެވީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ބޭފުޅެއް. ރައްޔިތުންގެ ތެރޭގައި އެއްވެސް ކަހަލަ ގަދަރެއް އިޙްތިރާމެއް ލޯތްބެއް އޮތް ބޭފުޅެއްނޫން. މަޒާހާތްތެރި ކަމެއް ހުރި ބޭފުޅެއްނޫން. ބަދު އަހުލާގީ އަމަލު ހިންގާ ކަމަށް ތުހުމަތު ކުރެވޭ ފަދަ ވީޑިއޯތައް އެބަފެނޭ.“ އަދުރޭ ވިދާޅުވިއެވެ.
ދާދި އަވަހަށް މި ސަރުކާރު ބަލި ވާނެ ކަމަށާއި ސަރުކާރާއި ހަވާލުވާން ހުރީ ޕީ.ޕީ.އެމް އާއި ޕީ.އެން.ސީ ކަމަށާއި އެބޭފުޅުންގެ ސަރުކާރުގައި ވަޒީފާއިން ވަކި ކޮށްފައިވާ ކޮންމެ ފުލުހެއްގެ ވަޒީފާވެސް އަނބުރާ ހޯދައިދޭނެ ކަމުގެ ޔަގީންކަން އަދުރޭ ވަނީ ދެއްވާފައެވެ.