މާލޭގައި ރޭގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަަ މުޒާހަރާއި ގުޅިގެން ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ މިނވަންކަމޭ ރައްޔިތުންނޭ ކިޔާފައި، މާސްކް އެޅުމެއްނެތި ގައިދުރުކަމެއް ނެތި، މި ދުވަސްވަރު މާލޭގެ މަގުތައް މަތީ މުޒާހަރާ ކުރައްވަނީ ހަމަ ރައްޔިތުންނަށްޓަކައި ކަމަށް ތޯއެވެ؟
އިދިކޮޅުފަރާތްތަކާއި ގުޅިފައިވާ ކޮންގްރެސް ކޯލިޝަން އަށް ތާއީދުކުރައްވާ އާއްމުންނާއި ޕާޓިގެ އިސް ބޭބޭ ފުޅުން އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ޚުދު ޔުމްނާ މައުމޫންގެ ކޮއްކޯފުޅުވެސް ވަނީ ރޭގެ މި މުޒާހަރާގައި ބައިވެރިވެލައްވާފައެވެ. މުޒާހަރާ މަގުމަތީގައި ކުރަންފެށުމުން މަގުން ދަތުރުކުރާ މީހުންނަށް އުނދަގޫވެ މަގުމަތިތޮއްޖެހެން ފެށުމުން ފުލުހުންވަނީ އެތަން ދޫކޮށްދާން މުޒާހަރާގެ ބައެވިރިންނަށް އަންގާފައެވެ. ނަމަވެސް އެންގުމަށް ބޯނުލެނބުމުން ފުލުހުންނަށް ޖެހުނީ ގަދަކަމުން އެ ސަރަހައްދުން މީހުން ފޮނުވާލާށެވެ.
ސިއްހީ މާހިރުންގެ ލަފާއަކީ މިފަދަ ބަލިމަޑުކަމެއް ފެތުރެމުން އަންނަ ދުވަސްވަރެއްގައި އެއްވެ އުޅުން މަދުކޮށް އެ ފަރާތްތަކުން ކަނޑައަޅާފައިވާ ގަވާއިދުތަކަށް ހުރިހާ ބޭފުޅުންވެސް ބޯލަނބައި ކިޔަމަން ގަތުމަށެވެ. ސަބަބަކީ މިބަލިން އެއްކޮށް އަދިވެސް މި ގައުމް ސަލާމަތްނުވާކަމެވެ. ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު މިބައްޔަށް ފައްސިވެއެވެ. އެހެންކަމުން މިފަދަ ހާލަތެއްގައި ސިޔާސީ މިފަދަ އެއްވުންތަކާއި މުޒާހަރާތައް ބޭއްވުމަކީ ސިއްހީ ގޮތުން އެދެވިގެންވާކަމެއްނޫނެވެ.