ކޯވިޑް-19 އާއި ކުރިމަތިލައި މި ބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން ދުރާލާ އަޅުއްވަމުން ގެންދެވި ފިޔަވަޅުތަކުގެ ސަބަބުން ކޯވިޑް އަށްފަހު އަލުން އައު ޢާންމު ޙާލަތަށް ޤައުމުގެ ކަންކަން އަންނަނީ ރުޖޫޢަވަމުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އިއްޔެ ދިވެހިރާއްޖޭގެ މިނިވަންކަމަށް 55 އަހަރުފުރޭ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން އިންތިޒާމުކޮށްގެން ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ޑިޕްލޮމެޓުންނަށް ޚާއްޞަކޮށްގެން ވަރޗުއަލްކޮށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހް ގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އަދިވެސް ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީއާއި އެއްބާރުލުން ރާއްޖެއަށް ލިބެމުންދިއުމުގެ މުހިންމުކަމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރަން މަގުފަހިކުރުމުގެ މުހިންމުކަން ި ފާހަގަކުރައްވާފައެވެ.
ރައީސް ވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގައި ކަންކަން އިންތިޒާމުވެފައިވާ ގޮތްތަކާއި އަދި އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ މަޢޫލޫމާތު ވެސް ޙިއްޞާކުރައްވާފައެވެ.
ރައީސް ވިދާޅުވީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމުގައި ބައިނަލްއަޤްވާމީ މުޖުމަތަޢާއި ގުޅިގެން ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއިން މަސައްކަތްކުރަމުން ގެންދާނެކަމަށާއި، އަދި ވަކިން ޚާއްޞަކޮށް ކޯވިޑް-19 ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ޙައްލެއް ހޯދުމަށް ކުރަމުންގެންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެމުން ގެންދާނެކަމަށެވެ.