ކުރީގެ މޯލްޑިވްސް ޑިފެންސް ފޯސްގައި މަސައްކަތް ކުރެއްވި ކެޕްޓަން އިހުސާން ވިދާޅުވީ ސައިކަލް ޕާކް ކުރައްވަނިކޮށް މީހަކު އައިސް ވަރަށް ހަޑި ހުތުރު ބަހުން މީހަކު ދިމާކޮށްފައިވާކަމަށެވެ.
ކެޕްޓަން އިހުސާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ”އަޅުގަނޑު ދެންމެ ގެއައް އައިސް ސައިކަލް ޕާކް ކުރަނިކޮށް ”މިހިރަ ކެޕްޓަން އިހުސާން ބާޢީ **“ މިހެން ފަށައި އެތައް ބައިވަރު ހަޑި ހުތުރު އެއްޗިހި ގޮވައި، އަމިއްލަ ނަމާއި، އައިޑީ ކާޑު ނަންބަރ ކިޔާފަ ބުނީ ”ތި **އަށް ކުރެވޭނެ އެއް ކަމެއްވެސް ނޯންނާނޭ“ މިހެން އެމީހަކު ބުނެފައިވާކަމަށެވެ.
އިހުސާން ވިދާޅުވީ އޭނާއަކީ ބާޢީއެއް ކަމުގައިވާނަމަ މިނިވަންކަމާއެކު މަގުމަތީގައި އުޅެވިގެން ނުވާނެކަމަށެވެ. އަދި އެހެން ނޫންނަމަ އެމީހާއަށް މިނިވަންކަމާއެކު މިހެން ގޮވައި ފުރައްސާރަކުރެވިގެން ނުވާނެކަމަށެވެ.
ކުރީގެ ކެޕްޓަން އިހުސާން ކުރެއްވި ޓްވީޓުގައި އޭނާ ވިދާޅުވީ މިކަން ހިނގީ ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައިކަމަށެވެ. އޭނާ ވަނީ އެ ޓްވީޓުގައި ފުލުހުންގެ ރަސްމީ ޓްވީޓާ އެކައުންޓާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އެކައުންޓް ޓެގު ކުރައްވައި އެކަން ތަހުގީގު ކޮށް ކޮންމެވެސް އެކަކަސް ފިޔަވަޅު އެޅުމަށް އެދިވަޑައިގެންފައެވެ.
މި ހާދިސާ ހިނގާފައި މިވަނީ ދާދިފަހުން އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ މީހަކު، ދިވެހިރާއްޖޭގެ ރަށްތައް ހިފަންޖެހޭ ކަމަށް ބުނެ އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއަކާއި ގުޅިގެން ނުބައި ނަޒަރަކުން ރާއްޖެއާ ދިމާލަށް ބަލާލިއަސް ”ލޯ ނަގާފައި މަސްތަކަށް“ ކާންދޭނެ ކަމަށް ވިދާޅުވެ ކެޕްޓަން އިހުސާން ވަރުގަދަ ރައްދެއް ދެއްވާފައިވަނިކޮށެވެ.