ރާއްޖޭގެ 7ރަށެއްގައި އައިސްޕްލާންޓްތައް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން މިއަހަރު ފައްޓަވައިގެން ކުރައްވާނެކަމަށް މިނިސްޓަރ އޮފް ފިޝަރީސް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހާމަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވީ މިހާރުވެސް 2ރަށެއްގައި އައިސް ޕްލާންޓް ގާއިމް ކުރުމުގެ މަޝްރޫއުތަކެއް މަސައްކަތްތެރިންނާއި ހަވާލުކޮށްފައިވާނެކަމަށެވެ.
ރަށްރަށުގައި ޤާއިމްކުރާ އައިސްޕްލާންޓުގެ ގޮތުގައި 25 ޓަނުގެ 2 އައިސްޕްލާންޓު އެޅުމަށް މިހާރުވަނީ ކޮންޓްރެކްޓަރުންނާއި މަސައްކަތް ހަވާލުކުރެވިފައިވާކަމަށާއި އަދި މީގެ އިތުރުން މިއަހަރުތެރޭ 5 އައިސްޕްލާންޓެއް ޤާއިމްކުރުމަށް ބޭނުންވާ ފައިސާ ވަނީ ހޯދާފައިކަމަށް ވެސް މިނިސްޓަރ ޒަހާވަނީ ވިދާޅުވެފައެވެ. މިއަހަރުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 5 މަޝްރޫއަކަށް ފައިސާ ދީފައިވަނީ ސައުދީ ސަރުކާރުންކަމަށް ވެސް ޒަހާ ފާހަގަކުރެއްވިއެވެ.
ގާފަރާއި ރ.މަޑުއްވަރީގައި ތަރައްޤީކުރާ އައިސްޕްލާންޓުގެ މަސައްކަތްތައް މިހާރު ވަނީ މަސައްކަތްކޮށްދޭނެ ފަރާތްތަކާއި ހަވާލުކުރެވިފައިކަމަށް މިނިސްޓްރީ އިން ވަނީ މައުލޫމާތުދެއްވާފައެވެ. އެގޮތުން 25 ޓަނުގެ 2 އައިސްޕްލާންޓު ތަރައްޤީކުރުމަށް ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓްއާއި ވަނީ ހަވާލުކުރެވިފައިއެވެ. އަދި މި ޕްރޮޖެކްޓްތަކަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ކަމަށް ފިޝަރީޒް މިނިސްޓްރީންވަނީ ހާމަކުރައްވާފައެވެ.
މި އައިސް ޕްލާންޓްތަކުގެ ސަބަބުން މަސްވެރިންނަށް އައިސް ލިބުމުގައި ވަރަށް ބޮޑެތި ފަސޭހަތައް ލިބި މަހުގެ ކޮލެޓީ ދަމަހައްޓަން ފަސޭހަތަކެއް ވެގެންދާނެއެވެ.