ރަޝިޔާ އިން އުފެއްދި ކޮވިޑް ވެކްސިން ޓެސްޓު ކުރުމުގެ މަރުހަލާތައް ނިމިފައިވާ ކަމަށާއި އަންނަމަހު ލޯންޗުކުރާނެ އެގައުމުން ބުނެފިއެވެ.
އެގޮތުން ރަޝިޔާއިން ވަނީ ކޮވިޑް-19 އަށް ދުނިޔޭގައި ފުރަތަމަ ވެކްސިން ދޭން ފަށާނީ ރަޝިއާ އިން ކަމަށާއި އެގައުމުން އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އާއްމުކޮށް މީހުންނަށް ވެކްސިން ދޭން ފަށާނެ ކަމަށް ބުނެފަ އެވެ.
މޮސްކޯގައި ހުންނަ މެޑިކަލް ޔުނިވާސިޓީން އުފެއްދި ދުނިޔޭގެ އެންމެ ފުރަތަމަ ކޮވިޑް ވެކްސިންގެ ކްލިނިކަލް ތަހުލީލުތައް ނިމިފައިވާ ކަމަށާއި އިންސާނުންގެ ގަޔަށް ޖަހައިގެން ހަދާ ޓެސްޓުތައްވެސް ނިމިފައިވާ ކަމަށް އެ ޔުނިވާސިޓީން މައުލޫމާތު ދީފައިވެއެވެ.
މި ވެކްސިން ފުރަތަމަ ދޭނީ ކުރީސަފުގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ މުވައްޒަފުންނަށެވެ.
ވެކްސިން ޓެސްޓު ކުރުމަށް ބައިވެރިވި ވޮލެންޓިއަރުން ދެބަޔަކަށް ބަހާލައިގެން މިދިޔަ ހަފުތާތެރޭ ގައި ވަނީ ޑިސްޗާޖުކޮށްފަ އެވެ. އަދި އިތުރު ހަ މަސްދުވަހުގެ މުއްދަތަކަށް މި މީހުންގެ ކަންކަން މޮނިޓާކުރުމަށް ވަނީ ނިންމައިފައެވެ.