ލޭނު މަސްވެރިކަންކުރުމުގެ ހުއްދަ އަލުން ދޭން ފަށާނީ ކަނޑުމަހުގެ ހުރިހާ މަސްވެރިކަމަކަށް އަމާޒުކޮށްގެން ތައްޔާރުކުރާ މެނޭޖްމަންޓު ޕްލޭންތައް ނިމުމުންކަމަށް މިނިސްޓަރ އޮފް ފިޝަރީސް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ވަނީ ގަވާއިދާއި ޚިލާފު ކަންތައްތަކެއް ލޭނު މަސްވެރިކަން ކުރުމުގައި ގިނަ ފަރާތްތަކުން ގެންގުޅޭތީ އެކަމަށް ބޭނުންވާ ހުއްދަ ދޫކުރުން މަޑުޖައްސާލާފައެވެ. ސަބަބަކީ މިހެން ހުންނަ ކަންތައްތަކުގެ ސަބަބުން މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރުތައް ކުރާނެތީއެވެ،ހާއްސަކޮށް ދޮށީގެ އަދި ބޮޑު ކަންނެލީގެ މަސްވެރިކަން ބޮޑު ގެއްލުމެއް ކުރިމަތިވަމުން އަންނާތީއެވެ.
މިނިސްޓަރ ވިދާޅުވީ ޔޫރަޕިން ޔޫނިއަނުންވެސް މިކަމާއި ގުޅޭގޮތުން ކަންބޮޑުވުންތައް ފާޅުކޮށްފައިވާ ކަމަށެވެ. އަދި އަލުން ލޭނު މަސްވެރިކަމަށް ހުޅުވާލާއިރު، އެމަސްވެރިކަން ކުރާ އުޅަނދުތައް މޮނީޓަރކުރުމުގެ މަސައްކަތް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި އުޅަނދުފަހަރުގައި އުޅޭ ދިވެހިންގެ އަދަދު ބަލާނެކަމަށާއި ދިވެހިން މަސައްކަތަށް ނިކުތުމަށް އެކަށޭނަ އުޅަނދެއްތޯ ބަލައި އަދި އުޅަނދު ފަހަރުގެ ހަރަކާތްތައް ބެލުމަށް ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ކުރާނެކަމަށްވެސް މިނިސްޓަރ ޒަހާވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި އާއްމުކޮށް ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ އޮންނަނީ ބިދޭސީން އަތުގައެވެ. މިކަމުގައި ހަރަކާތްތެރިވާ ދިވެހިން ވަރަށް މަދެވެ. އެހެން ކަމުން މިކަމުގެ ފައިދާ ނުހައްގުން ލިބެނީ ބިދޭސީންނަށް ކަމަށް ވަރަށް ގިނަ ފަރާތްތަކުން ހާމަކުރެއެވެ. 2012 ވަނަ އަހަރު ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ސަރުކާރުން މިވަނީ ދޭންފަށާފައެވެ. އެގޮތުން މިއީ އެންމެ ފައިދާ ބޮޑު އެއް ގޮތެވެ. ނަމަވެސް ދިވެހި މަސްވެރިން މީގައި މަދު ވުމަކީ ވަރަށް ވެސް ދެރަކޮށް ދާކަމެކެވެ.