ކޮވިޑް-19ގެ އަސަރު 2020އަށް ވުރެ ގިނަ ދުވަހަށް ކުރާނެ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ސެކެރެޓަރީ ޖެނެރަލް ޓެޑްރޯސް އަދަނަމް ހާމަކުރައްވައިފިއެވެ.
”ކޮވިޑް-19 އަކީ ފާއިތުވި ގަރުނުގެ ތެރޭގައި ކުރިމަތިވި ޞިއްޙީ އެންމެ ބޮޑު ކާރިސާ. މިކާރިސާގެ އަސަރު ކުރިއަށް އޮތް ވިއްސަކަށް އަހަރަށް ނުވަތަ އެއަށްވުރެ ގިނަ ދުވަހަށް ދެމިގެން ދާނެ.“ ޓެޑްރޯސް ހަމަކުރިއެވެ.
ޓެޑްރޯސް މިކަން ހަމަކުރީ ޑަބްލިއުއެޗްއޯގެ އެމަޖެންސީ ކޮމެޓީގެ ބައްދަލުވުމެއްގައި އިއްޔެ ވާހަކަ ދައްކަމުންނެވެ. މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން ޖަވާބު ނުލިބޭ ވަރަށް ގިނަ ސުވާލުތައް އަދިވެސް އެބަހުރި ކަމަށް އެނާ ވިދާޅުވިއެވެ.
ގިނަ ޤައުމުތަކުގައި މިހާރު ބަލި ފެތުރެމުންދާ ނިސްބަތް އިތުރު ވަމުންދާތީ އެކަމާއި ގުޅިގެން ވައިރަސް އާއި ދެކޮޅަށް ޤައުމުތަކުން ހަރުދަނާ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި އެހެން ނޫންނަމަ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ހިނގައިދާނެ ކަމަގެ ކަންބޮޑުވުން ފާޅުކުރައްވާ ޓެޑްރޯސް ވިދާޅުވީއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރޭވޭނީ މިބައްޔަށް ވެކްސިނެއް ހޯދިގެން ކަމަށް ގިނަ ސައިންސްވެރިން އިއްތިފާގުވެފައި ވާއިރު 150 އަށް ވުރެ ގިނަ ބޭސް އުފައްދާ ކުންފުނިތަކުން ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.
ރަޝިއާއިން އުފެއްދި ވެކްސިން އޮގަސްޓް މަހުގެ 07 ވަނަ ދުވަހު ބޭނުން ކުރަން ފަށާނެކަން އެ ޤައުމުން ވަނީ އިޢުލާން ކޮށްފައެވެ. ނަމަވެސް އެވެކްސިން ގިނަ ބަޔަކަށް ދޭން ފަށަން ދުވަސްތަކެއް ނަގާނެ ކަމަށް ލަފާކުރެވެއެވެ.