ކޮރޯނާ ވައިރަހުގެ ދެވަނަ ރާޅާއިއެކު އޮސްޓްރޭލިޔާގެ ބޮޑު އެއް ސިޓީކަމަށްވާ މެލްބަން ދެވަނަ ފުރަބަންދަކަށް ގޮސް 1 މިލިޔަން މީހުން ގެއިން ނުނިކުމެވި ތިބެން ޖެހިއްޖެއެވެ.
671 ޕޮޒިޓިވް ކޭސް ފެނުމާއެކު އޮސްޓްރޭލިޔާގެ ސަރުކާރުން ވަނީ މެލްބަން ސިޓީގެ ފުރަބަންދު އިތުރަށް ހަރުކަށި ކޮށްފައެވެ. ޖުލައި މަހުން ފެށިގެން މެލްބަން އަލުން ފުރަބަންދަކަށް ގެންދިޔަފަހުން އަދިވެސް ޕޮޒިޓިވް ކޭސްގެ އަދަދު މަތިވަމުން ދިޔުމާއެކު، މިހާރު މެލްބަންގައި ދިރިއުޅޭ ކޮންމެ ގޭބިސީ އަކުން ބޭރަށް ދެވެނީ އެންމެ މީހަކަށެވެ. އަދި ބޭރުގައި އުޅެވެނީ ގެއާއި އެންމެ ދުރުވެގެން 5 ކިލޯމީޓަރަށެވެ. މިފަދަ ހަރުކަށި ފިޔަވަޅުތައް އަޅަން އެންމެ ބޮޑަށް ދިމާވި އެއް ސަބަބަކީ މެލްބަން ސިޓީއަކީ މުޅި އޮސްޓްރޭލިޔާއަށް ބެލިކަމުގައިވީ ނަމަވެސް އެންމެ ގިނަ ޢަދަދަކަށް ޕޮޒިޓިވް ކޭސް ފެންނަމުން ދިޔަ ހިސާބެއެވެ.
މިހާތަނަށް 11،000 ކޭސަސް ފައްސިވެފައިވާ އިރު ”ގޮތް ނޭނގޭ“ 760 ކޭސް ވަނީ ފެނިފައެވެ. އަދި 123 މީހުން މަރުވެފައިވާއިރު ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިއީ ނުރައްކަލުގެ ރަނގަބީލެކެވެ.
މެލްބަންއާއި އިންވެގެން އޮންނަ ވިކްޓޯރިއާ ސިޓީ ވަނީ ލެވެލް 3 ނުރައްކާތެރި ޙާލަތައް ގެނެސްފައެވެ. އެ ސިޓީގެ ކޭސް ތަކުގެ ޢަދަދުވެސްވަނީ މަތިވާން ފަށާފައެވެ.