ކޯވިޑް 19 އަށް ފައްސިވެފައިވާ 200 މީހަކު ފެސިލިޓީތަކަށް ނުގެންދެވި އެބަ ތިބި ކަމަށް ޑރ.ނަޒްލާ ވިދާޅުވެއްޖެއެވެ.
އެޗްއީއީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއިދާރާގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގް ވިދާޅުވީ ހޯމަ ދުވަހުގެ ހަވާރުގެ ނިޔަލަށް ކޯވިޑް 19އަށް ފައްސިވެފައިވާ 200 މީހުންނަށް ފަރުވާ ދިނުމަށް ފެސިލިޓީ ތަކަށް ނުގެންދެވި އެބަ ތިބިކަމަށެވެ. އެހެން ނަމަވެސް އެމީހުން ނުގެންދެވި ތިބީ ކޮން ސަބަބުތަކަކާއި ހެދިކަމެށް ޑރ.ނަޒްލާ ވިދާޅުވެފައެއް ނުވެއެވެ.
މީގެ ކުރިން ޑރ.ނަޒްލާ ވިދާޅުވީ ފެސިލިޓީ ތަކަށް މީހުން ނުގެންދެވި ތިބީ މޫސުން ގޯސްވުމުގެ ސަބަބުން ދިމާވަމުންދާ ދަތި ތަކާއި ހެދިކަމަށެވެ. ނަމަވެސް އެމީހުން ގެންދިއުމަށް ހަލުވި މިނުގައި މަސައްކަތް ކުރަމުން ދާކަމަށްވެސް ނަޒްލާ ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ އެހެން ގައުމު ތަކުގައި މިބައްޔަށް ފައްސިވާ މީހުން ގޭގައި އެކަހެރި ކުރަމުން ދިޔަ ނަމަވެސް ރާއްޖޭގައި އެގޮތައް ހަމަޖެހިފައި ނުވާ ކަމަށާއި އެކަމުގެ ސަބަބަކީ ބަލި މީހުންތެރޭ ހައި ރިސްކު މީހުން ތިބުމާއި އެކުކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.
ބައްޔަށް ފައްސިވެފައި ތިބި ފަރާތްތައް ފެސިލިޓީތަކަށް ނުގެންދެވި ލަސްވަމުން ދާތީ ގިނަބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ފައްސިވެފައިވާ މީހުން ފެސިލިޓީތަކަށް ގެންދެވޭނެ ވަކި ތާރީހެއް ސާފުވާނެ ގޮތް ވަނީ އަދި ނުވެފައެވެ.