ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހް މިހަފްތާގައި ސަރުކާރު އޮފީސްތައް ބަންދުކުރަން ނިންމަވާފައި ވީ ނަމަވެސް ކޯޓުތަކުން ޝަރީޢަތްތައް ކުރިއަށް ގެންދަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ކޯޓުތަކަށް އަންގައިފިއެވެ.
ޖޭއެސްސީގެ ރައީސް ހިސާން ހުސައިން ސޮއި ކުރައްވާ ރޭ ކޯޓުތަކަށް ފޮނުއްވެވި ސާކިއުލާއެއްގައި ވަނީ ކޮވިޑް-19 މުޖުތަމައުތެރޭގައި ފެތުރެމުންދާ ރަށްރަށުގައި ދަށު ކޯޓުތަކުންނާއި އިސްތިޢުނާފު މަރުޙަލާގެ ކޯޓުތަކުން އެކޯޓެއްގެ ފަނޑިޔާރުން ނިންމަވާގޮތެއްގެ މަތިން ޝަރީޢަތްތައް މެދުނުކެނޑި ކުރިއަށް ގެންދިޔުމަށް ދަންނަވާފައެވެ.
ކޮވިޑް-19ގެ ބަލި ފެތުރެމުންނުދާ ރަށްރަށުގެ ކޯޓުތަކުގެ ޝަރީޢަތްތައް ޖޭއެސްސީ އިން ކުރިން ނެރެފައިވާ ސާކިއުލާގައިވާ ގޮތުގެމަތިން ކުރިއަށް ގެންދެވުމަށް ވެސް ރޭ ނެރުނު ސާކިއުލާގައި ވެއެވެ.
ކޯޓު ނުހުޅުވާ މަސައްކަތްކުރާ މުއްދަތުގައި ގެއިން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ގޭގައި ކުރެވޭނެ މަސައްކަތްތައް ގެއިން ކުރުމަށް ބާރު އެޅުމަށް ޖޭއެސްސީން އަންގައެވެ.