މ.ދިއްގަރަށް ނިސްބަތްވާ ބޯޓެއްގެ 4 ފަޅުވެރިއަކު ކޮވިޑް-19އަށް ފައްސިވެއްޖެކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ރޯޔަލް-10 ނަމަކަށް ކިޔާ މި ބޯޓުގައި މަސައްކަތް ކުރަމުންދިޔަ 4 ބިދޭސީ ފަޅުވެރިންތަކެއް ކޮވިޑް-19އަށް ފައްސިވެއްޖެކަން އެޗްޕީއޭ އިން އެންގި އިރު މި ބޯޓު ދިޔައީ މާލެއިން ފުރައިން ދިއްގަރަށް ދަތުރުކުރަމުންނެވެ. އަދި މި މަޢުލޫމާތު އެޗްޕީއޭއަށް އިނގުމާއެކު، މި ބޯޓު އެނބުރި މާލެ އައުމަށް ވަނީ މިހާރު އަންގާފައެވެ.
ބޯޓު ދަތުރު ކުރަމުން ދިޔަ ކެޕްޓަންގެ ކަންބޮޑުވުމަކަށް ވެފައިވަނީ ބޯޓަށް ބަރުކޮށްފައިހުރި މުދަލަށް ކޮޮންމެވެސް ގޮތެއް ހަދާ ދިނުމަށެވެ. ކެޕްޓަން ބުނާ ގޮތުގައި އެ ބޯޓުގައި މިލޔަނަކާ ގާތްކުރާ ވަރަށް މުދާ އެބަހުއްޓެވެ.
ދިއްގަރު ކައުންސިލް މެންބަރު އިސްމާއިލް އަހުމަދު ވިދާޅުވެފައިވަނީ އެ ބޯޓަށް އޭނާވެސް ގުޅާފައި ވާނެ ކަމަށާއި، އަދި ފައްސިވުމުގެ ސަބަބުން އެނބުރި ރަށަށް ބޯޓުގައި ނައުމަށް އަންގާފައިވާނެ ކަމަށާއި އަދި ބޯޓު މިހާރު މާލެ އައުމަށް މިސްރާބު ޖަހާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މި ބޯޓަކީ މީމު އަތޮޅުގެ ގިނަ ރަށްތަކަށް މުދާ ބަރުކޮށްގެން ގެންގޮސްދޭ ބޯޓެކެވެ.