ޖަޕާނުން މަތީތައުލީމު ހާސިލް ކުރުމަށް ސްކޮލަޝިޕް ދިނުމުގެ އެއްބަސް ވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވުނު ސޮއި ކުރުމުގެ ރަސްމީޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސްކޮލަޝިޕް ތަކުގައި ސޮއި ކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފިރު ކެއޮކޯ ޔަނާއީ އެވެ.
19 މިލިއަން ރުފިޔާގެ މި ސްކޮލަޝިޕް ތަކަކީ 4 އަހަރު، ކޮންމެ އަހަރު ދިވެހި 6 ދަރިވަރުންނަށް ޖަޕާނުގައި ތިބެގެން މަތީ ތައުލީމު ހާސިލް ކުރެވޭނެ ގޮތަށް ހަމަޖެހިފައިވާ ސްކޮލަޝިޕް ތަކެކެވެ.
ޖަޕާން ސަރުކާރަކީ އަބަދުވެސް ރާއްޖެއަށް އެހީތެރިވެދޭ ގައުމެކެވެ. ކޯވިޑް 19 ގެ ބަލިމަޑުކަން ރާއްޖޭގައިވެސް ފެތުރެމުން ދާ މިދަނޑިވަޅުގައި ޖަޕާން ސަރުކާރުގެ ފަރާތުން ވަނީ 1.9 މިލިއަން ޑޮލަރުގެ ހިލޭ އެހީ ރާއްޖެއަށް ދީފަކަންވެސް ފާހަގަ ކޮށްލެވެއެވެ.