ރާއްޖޭއިން ދުވާލެއްގެ މައްޗަށް 200 މީހުން ފައްސިވި ވިޔަސް ހަދާނެ ގޮތް ހުސްވެގެން އުޅެން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ލޯ އިނިޝިއޭޓިވް ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މާދަމާ ގޮސް ވެ ނިމޭނެ ކަމެއް ނެތްކަމަށާއި އެއްވެސް ބޭފުޅަކު ކަންބޮޑުވެނުލެއްވުމަށެވެ. 200 މީހުން ޕޮޒިޓިވްވީމަ، އެއީކީ އެމަނިކުފާނުގެ ނަޒަރުގައި ހަދާނެ ގޮތް ހުސްވެގެން އުޅެން ޖެހޭ ކަމެއް ނޫންކަމަށާއި އެންމެ ބޮޑު އިލްތިމާސްއަކީ ހާސް ނުވުމަށް ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ދިވެހިން ވަނީ ކަންކަމުން އަރައިގެންފައެވެ. އެގޮތުން ގާނޫނީ ހައްލު ހޯދާފައި ހުރި ކަން ފާހަގަ ކުރެއްވިއެވެ. އަދި އެހެން ވަސީލަތްތައް ވެސް ހޯދައިގެން މި ”ގުލްޒާރު“ ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 4،680 އަށް ވަނީ އަރައިފައެވެ. މީގެ ފަސް ދުވަސް ކުރިން 215 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. މިއީ މާޗް ހަތް ވަނަ ދުވަހު ރާއްޖެއިން ކޮވިޑް-19 ފެނުނު ފަހުން، އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. އެކަމަކު، އިއްޔެ ރާއްޖެ އިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އިއްޔެ ކޮވިޑް-19 އަށް ފައްސިވީ 86 މީހެކެވެ.